ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ސްމާޓް ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރަނީ

2026 ވަނަ އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، 1.6 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިންގެ ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި، ސައުދީ އަރަބިއްޔާއިން ދަތުރުފަތުރުގެ ނިޒާމުތައް ވަރުގަދަކުރަމުންދާކަމަށް އެސް.ޕީ.އޭ އިން ރިޕޯޓްކޮށްފިއެވެ. މިގޮތުން، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ރޭލާއި، ޝަޓްލް ބަހުގެ އިތުރުން މަގުތައް ބެލެހެއްޓުމުގެ ޒަމާނީ ނިޒާމުތައް ވަނީ ގާއިމުކޮށްފައެވެ.
މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ސައުދީ އަރަބިއްޔާ ރޭލްވޭޒްއިން ހިންގާ “އަލް-މަޝާއިރު އަލް-މުޤައްދަސާ މެޓްރޯ” އެވެ. މި ނިޒާމަކީ ދުނިޔޭގައިވެސް އެންމެ ގިނަ މީހުންނަށް ދަތުރުފަތުރުގެ ޚިދުމަތްދޭ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެކެވެ. މި މެޓްރޯ މެދުވެރިކޮށް ޙައްޖު މޫސުމުގައި 2 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން އުފުލުމަށް ވަނީ ރޭވިފައެވެ.
ކަރަންޓުން ދުއްވާ މި މެޓްރޯއިން މުޤައްދަސް ބިންތައް ކަމަށްވާ މިނާ، މުޒްދަލިފާ އަދި އަރަފާތު ގުޅާލަދެއެވެ. މީގެ ސަބަބުން ޙައްޖުގެ މުހިންމު ވަގުތުތަކުގައި މަގުތައް ތޮއްޖެހުން ކުޑަވެ، ދަތުރުކުރުމަށް ހޭދަވާ ވަގުތު ސަލާމަތްކުރެވެއެވެ. މިއީ ސައުދީގެ “ވިޜަން 2030” ގެ ދަށުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
18 ކިލޯމީޓަރުގެ މި ރޭލު ދަތުރުގެ ތެރޭގައި މުޤައްދަސް ބިންތަކަށް ޚާއްޞަ 9 ސްޓޭޝަނެއް ހުރެއެވެ. މި ނިޒާމުގެ ތެރެއިން ގަޑިއަކު 72,000 މީހުންނަށް ދަތުރުކުރެވޭއިރު، ޖުމްލަ 17 ރޭލު ބޭނުންކުރެވެއެވެ. ކޮންމެ ރޭލަކަށް އެއްފަހަރާ 3,000 މީހުން އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ.
އެސް.ޕީ.އޭ އިން ހާމަކުރި ގޮތުގައި، މި މެޓްރޯގެ ސަބަބުން އަހަރަކު 50,000 އެއްހާ ބަސް ދަތުރު މަދުކުރެވެއެވެ. މީގެ ސަބަބުން މަގުތަކުގެ ބާރު ކުޑަވެ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސް ބޭރުކުރާ މިންވަރު ދަށްވެގެންދެއެވެ.
2010 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ މި މެޓްރޯއަކީ ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާ ރޭލެކެވެ. އަރަފާތުން މިނާއަށް ދަތުރުކުރުމަށް މިހާރު ހޭދަވަނީ ގާތްގަނޑަކަށް 20 މިނެޓެވެ.


