ސާފް ވިމެންސް މުބާރާތުގައި ވާދަކުރަން ދިވެހި އަންހެން ޓީމު ގޯއާއަށް ހިނގައްޖެ

އަންނަ ހޯމަ ދުވަހު އިންޑިއާގެ ގޯއާގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ސީނިއާ އަންހެން ޤައުމީ ފުޓްބޯޅަ ޓީމު މިއަދު އެ ސިޓީއަށް ދަތުރުކޮށްފިއެވެ.
މިއީ ރާއްޖޭގެ ޓީމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ މުބާރާތެއްގެ ގޮތުގައި ކުޅިވަރު ތަޖުރިބާކާރުން ވަނީ ބަލާފައެވެ.
މި ފަހަރުގެ މުބާރާތުގައި ދިވެހިރާއްޖެ ހިމެނިފައިވަނީ ވަރުގަދަ ޓީމުތައް ހިމެނޭ “ގްރޫޕް ބީ” ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްގެ އިތުރުން، މި މުބާރާތުގެ ތަށި ފަސް ފަހަރު ކާމިޔާބުކޮށްފައިވާ އަދި އަބަދުވެސް ރާއްޖެއަށް ބޮޑު ގޮންޖެހުމަކަށްވާ އިންޑިއާއެވެ.
ޖުމްލަ 6 ޤައުމަކުން ވާދަކުރާ މި މުބާރާތުގެ އަނެއް ގްރޫޕުގައި ހިމެނެނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ.
މިފަހަރުގެ މުބާރާތުން ޕާކިސްތާނު ވަނީ ވަކިވެފައެވެ. އެޤައުމުން މުބާރާތުގައި ބައިވެރިނުވާން ނިންމީ މުބާރާތް ބާއްވާ ސަރަހައްދުގެ ގޮތުންނެވެ. ޕާކިސްތާނުގެ ސަރުކާރުން ވަނީ އިންޑިއާގައި ބާއްވާ މި މުބާރާތަށް އެޤައުމުގެ ޓީމު ނުފޮނުވުމަށް ރަސްމީކޮށް ނިންމާފައެވެ.



