ޚަބަރު

10 ދުވަހުގެ ޖަލު ބަންދަކަށް ފަހު ނޫސްވެރިޔާ ލީވާން ދޫކޮށްލައިފި

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވެގެން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު މިނިވަންވެއްޖެ އެވެ.

ލީވާންގެ މައްޗަށް މި މަހުގެ 12 ވަނަ ދުވަހު ޖަލު ހުކުމެއް އިއްވީ، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް އުފެއްްދި ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ހަބަރެއް ލިޔުނު ކަމަށް ބުނެ އެވެ.

މި މައްސަލައަކީ ‘އަދަދު’ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކޯޓުން ނެރުނު “ގެގް އަމުރަކާ” ގުޅިގެން އުފެދުނު މައްސަލައެކެވެ.

މި އަމުރާ ހިލާފުވެގެން އެ ނޫހުގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާންގެ މައްޗަށް ވެސް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ޝަހުޒާންގެ މައްޗަށް ހުކުމް އައީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒާ އެކަމާ ގުޅޭ ސުވާލެއް ކުރުމުން ކޯޓުގެ ހުރުމަތް ކެނޑުނު ކަމަށް ބަލައިގެންނެވެ.

މި މައްސަލާގައި ‘އަދަދު’ ނޫހުގެ އިސްވެރިން ކަމަށްވާ ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި މިހާރު ވަނީ ޝަރީއަތް ފަށާފަ އެވެ. އަދި ކޯޓުން ނެރުނު އެ އަމުރު ފިޔާޒުގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close