ޚަބަރު

ނާޒިމްގެ އިތުބާރު ނެތް މައްސަލައިގެ ޖަލްސާ އެއް ގަޑިއިރަށް ކުރުކޮށްލަން އާންމު ކޮމިޓީން ފާސްކޮށްފި

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތާ އެކު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބަދަލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް އެންމެ އެއް ގަޑިއިރުގެ ތެރޭގައި ނިންމާލުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ކަނޑައަޅައިފި އެވެ. މިގޮތަށް ނިންމީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދު ކުރެއްވި މި ނިންމުމުގައިވާ ގޮތުން، މަގާމުން ވަކިކުރުމުގެ މައްސަލައިގައި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމަށް މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވުމަށް ލިބިވަޑައިގަންނަވާނީ ޖުމްލަ 10 މިނެޓުގެ ވަގުތުކޮޅެކެވެ. އަދި ބާކީ އޮތް 50 މިނެޓް މެންބަރުންގެ މެދުގައި ބަހާލައިގެން ބަހުސް ކުރިއަށްގެންދާއިރު، ކޮންމެ މެންބަރަކަށް ވާހަކަދެއްކުމަށް ލިބޭނީ އެންމެ ތިން މިނެޓެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި ނާޒިމް މަގާމުން ވަކިކުރަން ނިންމައި، މަޖިލީހަށް ހުށަހެޅި މި ގަރާރުގައި އެ ޕާޓީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފަ އެވެ. އެ ގަރާރުގައި ނާޒިމާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ހިފުމުގެ އިތުރުން، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާތަކުން އޭނާ ބަރީއަވަމުންދާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ނާޒިމް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަކި އަތަކަށް ޖެހިވަޑައިގެންފައިވާ ކަމަށާއި، ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކޮށްދިނުމުގައި އޭނާ ބޮޑަށް އިހުމާލުވެފައިވާ ކަމަށްވެސް ޕީއެންސީގެ ގަރާރުގައިވެ އެވެ. އަދި ނައިބު ރައީސްގެ މިފަދަ އަމަލުތަކުގެ ސަބަބުން މެންބަރުންގެ ވާޖިބުތައް އަދާކުރުމަށް އޭނާ ހުރަހަކަށް ވެފައިވާ ކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާ އެކުގަ އެވެ. ނަމަވެސް މަގާމުން ވަކިކުރަން ފާސްވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށްވާއިރު، 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ އެކަނިވެސް 76 މެންބަރުން ތިއްބަވަ އެވެ.

މީގެ ކުރިން 17 ވަނަ މަޖިލީހުގެ ވެސް ނައިބު ރައީސްކަން ކުރެއްވި ނާޒިމަށް މި ހިނގާ މަޖިލީހުގެ މަގާމު ލިބިވަޑައިގަތީ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި އޭނާއާ ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގަތީ އެންމެ 12 ވޯޓެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close