ޚަބަރު

އެސްޓީއޯގެ އެންމެ ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ހުރިހާ އަތޮޅެއްގައި ފަހިކޮށްދީފި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކޮށްފައިވާ ފިއުލް Σަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތައް މެދުވެރިކޮށް، އެސްޓީއޯއިން ތެޔޮ ވިއްކާ އެންމެ ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވީ، އަތޮޅުތަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިއްމު ވައުދުފުޅެއް ކަމަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރުމަށް ރައީސް އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ވިއުގަ ފުޅާކުރުމުގެ ސަބަބުން އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ މަސްވެރިންނަށްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައިހެން މިހާރު އެފްއެސްއެމްގެ ޝެޑުތައް ގާއިމުކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް، މި ނެޓްވޯކު އަލަށް ގާއިމުކުރެވުނުއިރު ލޮޖިސްޓިކްސްގެ ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން ބައެއް ފަހަރު ތެޔޮ ފޯރުކޮށްދިނުން ލަސްވުމުގެ މައްސަލަތައް ކުރިމަތިވާކަމަށް ޝިޔާމް އެއްބަސްވެވަޑައިގަތެވެ. އެހެންނަމަވެސް މަސްވެރިންނަށް ދަތިނުވާނެހެން އެކަންކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ތެޔޮ ފޯރުކޮށްދެމުންދާ ކަމަށާއި، އެސްޓީއޯއިން އެ މައްސަލަތައް ހައްލުކުރުމަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ސަބްސިޑީއާއެކު ލުއި އަގުގައި ތެޔޮ ފޯރުކޮށްދީ، އެއްވެސް ދަތިކަމެއް ނެތި މަހަށް ފުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެފްއެސްއެމްގެ ތެޔޮ ޝެޑުތައް ގާއިމުކުރުމުގެ މި ބޮޑު މަޝްރޫއު ރައީސް ޑރ. މުއިއްޒު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި މަސްވެރިންގެ ދުވަހުއެވެ. އޭގެ ފަހުން ކުރެވުނު މަސައްކަތްތަކުން މިހާރު ވަނީ ގާތްގަނޑަކަށް ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިފައެވެ.

ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން މަސްވެރިންނަށް ދޭ ތެލުގެ އަގު ސަބްސިޑައިޒްކުރަން ސަރުކާރުން ނިންމި ފަހުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ. އެގޮތުން މިހާތަނަށް ޖުމްލަ 1،832 އުޅަނދަކަށް، 2.5 މިލިއަން ލީޓަރުގެ ތެޔޮ މި ލުއި އަގުތަކުގެ ދަށުން ދޫކުރެވިފައިވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close