ޚަބަރު

ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ފެނިއްޖެ

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމަށް ކުރިއަށްދިޔަ ބޮޑު އޮޕަރޭޝަންގައި، އެ މީހުންގެ ހަށިގަނޑުތައް އެ ފީނަން ދިޔަ ހޮހަޅައިގެ ތެރެއިން މިއަދު އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި އެވެ.

ސިފައިން މައުލޫމާތު ދޭ ގޮތުގައި ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހާއްސަ ހަރަކާތުގައި، ގެއްލިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ހަށިގަނޑު މިހާރު ވަނީ ކަނޑުގެ ފުނުގައިވާ ހޮހަޅައިގެ ތެރެއިން ލޮކޭޓް ކުރެވިފަ އެވެ.

މި ހިތާމަވެރި ހާދިސާގައި ބައިވެރިވި ފަސް މީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެކުރިން 60 މީޓަރު އަޑިން ފެނިފައިވާއިރު، ބާކީ ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 200 ފޫޓު ފުން އެ ހޮހަޅައިގެ އެތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ކުރިއަށް އޮތް ޑައިވްތަކުގައި އެ މީހުންގެ ހަށިގަނޑުތައް ހޮހަޅައިގެ ތެރެއިން ބޭރަށް ނެގުމުގެ އަމަލީ މަސައްކަތް ކުރުމަށް މިހާރު ވަނީ ރާވާފަ އެވެ.

މި ހޯދުމުގެ އޮޕަރޭޝަން ކޯސްޓްގާޑާއި ފުލުހުން ކުރިއަށް ގެންދިޔައީ އިޓަލީ ސަރުކާރުގެ އިސްނެގުމަށް ރާއްޖެ އައި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުތަކާ ވެސް ގުޅިގެންނެވެ. މީގެ ތެރޭގައި ހޮހަޅައަށް ފީނުމުގެ ހާއްސަ ހުނަރާއި ބޭނުންވާ ޓެކްނިކަލް ސާމާނާއެކު މިއަދު ހެނދުނު ރާއްޖެ އައި ފިންލެންޑުގެ މާހިރުންގެ ޓީމު ހިމެނޭއިރު، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ޓެކްނިކަލް ސަޕޯޓު ވެސް މި މަސައްކަތުގައި ލިބެމުންދާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި އެވެ.

މި ހިތާމަވެރި އޮޕަރޭޝަންގެ ތެރެއިން އިއްޔެ ވަނީ ގައުމީ ހިދުމަތުގައި އުޅުއްވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ނިޔާވެފަ އެވެ. މި ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި “އެމްވީ ޑޫކް އޮފް ޔޯކް” ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ވަގުތީގޮތުން ސަސްޕެންޑު ކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close