އެބޯލާގެ ނުރައްކާ ބޮޑުވެ ޑަބްލިއުއެޗްއޯއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ ބަންޑިބުގްޔޯ ވައިރަސްގެ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
މި ބަލިމަޑުކަމުގައި މިހާތަނަށް ކޮންގޯއިން 80 މީހުން މަރުވެފައިވާއިރު، ލެބޯޓްރީ ތަހުލީލުތަކުން ބަލި ކަށަވަރުވެފައިވާ މީހުންނާއި ޝައްކުކުރެވޭ ގިނަ ބަޔަކު ވަނީ ފެނިފައެވެ. މި ބާވަތުގެ އެބޯލާ ވައިރަހަށް މިހާތަނަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައި ނެތުމަކީ ބަލީގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވާ ސަބަބެކެވެ.
މި ބަލި މިހާރު ވަނީ ކޮންގޯގެ ބޯޑަރު ހުރަސްކޮށް ޔޫގެންޑާގެ ވެރިރަށް ކަމްޕާލާއަށް ވެސް ފެތުރިފައެވެ. ކޮންގޯ އިން ދަތުރުކުރި ދެ މީހަކަށް ޔޫގެންޑާގައި ބަލިޖެހިފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ ގައުމުތަކުގެ ކާރިސާ މެނޭޖްމަންޓް ވަރުގަދަކޮށް، ބޯޑަރުތަކާއި މައި މަގުތަކުގައި ބަލި ހުރިތޯ ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިރުޝާދު ދީފައެވެ.
ޑަބްލިއުއެޗްއޯ އިން އިލްތިމާސްކުރަނީ ބަލިޖެހިފައިވާ މީހުންނާއި އެމީހުންނާ ބައްދަލުވި މީހުން ދަތުރުފަތުރު ނުކުރުމަށާއި، ބަލިމީހުން އެކަހެރިކޮށް 21 ދުވަހަށް މޮނިޓަރު ކުރުމަށެވެ. ނަމަވެސް، ގައުމުތަކުގެ ބޯޑަރުތައް ބަންދު ނުކުރުމަށް އެ ޖަމްއިއްޔާއިން ވަނީ ލަފާދީފައެވެ. ސަބަބަކީ ބޯޑަރު ބަންދުކުރުމުން ނުރަސްމީ މަގުތަކުން މީހުން ދަތުރުކުރަން ފަށައި، ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެތީ ކަމަށް އެ އިދާރާއިން ބުނެއެވެ.

