ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތަށް ފިންލޭންޑްގެ ޚާއްޞަ ޓީމެއް ރާއްޖެ އަންނަނީ

ވ. އަލިމަތާ ރިސޯޓު ކައިރިން ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި ބައިވެރިވުމަށް، ފިންލޭންޑްގެ ޚާއްޞަ ތަޖުރިބާކާރުންގެ ޓީމެއް މާދަމާ ހެނދުނު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 14 ވަނަ ދުވަހު ޑައިވިންއަށް ފޭބި ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު މިހާތަނަށް ފެނިފައިވާއިރު، އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ކަނޑުގެ 60 މީޓަރު (ގާތްގަނޑަކަށް 200 ފޫޓު) އަޑީގައިވާ ކޭވްއެއްގެ ތެރެއިންނެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކޭވްގެ ތެރެއިން ފެނުނު މީހާއަކީ އެ ގްރޫޕާ އެކު ދިޔަ ޑައިވިން އިންސްޓްރަކްޓަރެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ރާއްޖެ އަންނަނީ ފިންލޭންޑަށް ނިސްބަތްވާ “ބޭން” ކިޔާ ކުންފުންޏެއްގެ ތިން މެންބަރުންގެ ޓީމެއް ކަމަށެވެ. މިއީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި އެމެރިކާގެ މަޝްވަރާގެ މަތިން މިފަދަ ފުން ކޭވް ޑައިވްތަކަށް ޚާއްޞަ ތަޖުރިބާކާރުންގެ ގޮތުގައި ހޯދި ބައެކެވެ.
އެމްއެންޑީއެފުން “ހައި ރިސްކު” އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކޮށްފައިވާ މި މަސައްކަތް މިވަގުތަށް އޮތީ މެދުކަނޑާލައިފައެވެ. އެއީ މިއަދުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެންނެވެ.
މުންދު ވިދާޅުވި ގޮތުގައި، މިވަގުތަށް ދިމާވި ހާދިސާއާ ގުޅިގެން އިތުރު ރިސްކެއް އޮތުމުން އޮޕަރޭޝަން ސަސްޕެންޑް ކުރި ނަމަވެސް، މާދަމާ ބޭރުގެ ޓީމު އައުމުން ކޯސްޓްގާޑުގެ ޑައިވަރުންނާ ގުޅިގެން ކުރިއަށްދާނެ މަގުޗާޓެއް ކަނޑައަޅާނެއެވެ. އަދި އޮޕަރޭޝަން އަލުން ފަށާނީ އެ ފަރާތްތަކުގެ ފަންނީ ލަފަޔާ އެކުގައެވެ.

