ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވީއައިއޭއިން ޚާއްޞަ ތައްޔާރީތަކެއް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންނަށް އެއަރޕޯޓުން ދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ޚާއްޞަ ބޮޑެތި ތައްޔާރީތަކެއް ވާން ފަށައިފިއެވެ.
1447 ވަނަ އަހަރުގެ ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން އެއަރޕޯޓުން ހަމަޖައްސާ މި އިންތިޒާމުތަކަކީ މިނިސްޓްރީ އۆފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
މި އަހަރުގެ ޙައްޖާޖީން ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓަކާއި ސައުދިއާގެ ދެ ފްލައިޓެއްގައެވެ. މި ހަތަރު ފްލައިޓުން ފުރާ ހުރިހާ ބޭފުޅުންނަށްވެސް “މައްކާ ރޫޓް އިނިޝިއޭޓިވް” ގެ ދަށުން ޚާއްޞަ ލުއިތަކެއް ލިބިގެންދާނެއެވެ. މި ފްލައިޓްތައް ފުރުމަށް ތާވަލުކޮށްފައިވަނީ މި މޭ މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވާ ހުކުރު ދުވަހު ސައުދިއާގެ ފްލައިޓެއްގައެވެ. ޖުމްލަ 242 ޙައްޖާޖީންނާއެކު ފުރާ މި ފްލައިޓުގެ ބޭފުޅުން ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ އެއަރޕޯޓުގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ. އަދި އެ ދުވަހަކީ ހުކުރު ދުވަހަކަށްވާތީ، ޙައްޖާޖީންނަށް ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމު ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ފުރާ ބޭފުޅުން ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ޑްރޮޕް އޮފް ސަރަހައްދަށެވެ. އަދި މި ދުވަސްތަކުގައި ފުރާ ޙައްޖާޖީން ފުރުމުގެ ކުރިން މަޑުކޮށްލައިގެން ތިބުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.
ޙައްޖުވެރިން ފުރާ ވަގުތުތަކުގައި އެއަރޕޯޓުގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށާއި، ފުރުމުގެ ހުރިހާ މަރުހަލާއެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ ޚާއްޞަ އޮފިޝަލުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.


