ޚަބަރު ޓެކްނޮލޮޖީގެ އައު އުސްއަލިތަކާއެކު އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި

ޓެކްނޮލޮޖީގެ އައު އުސްއަލިތަކާއެކު އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި

ޓެކްނޮލޮޖީގެ އައު އުސްއަލިތަކާއެކު އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މީޑިއާގެ ދާއިރާގައި އަންނަނީ ސަގާފީ އުސޫލުތަކުން ޓެކްނޮލޮޖީގެ އައު ދުނިޔެއަކަށް ބަދަލުވަމުންކަން ހާމަކޮށްދެމުން، 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް (އޭއެމްއެސް) ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ. “މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް” މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިންތިޒާމުކުރާ ބޮޑު ހަރަކާތެކެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކުގެ ބްރޯޑްކާސްޓަރުންނާއި މީޑިއާ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަމިޓުގައި މުޅި ޖުމްލަ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، އޭގެ ތެރެއިން 80 އިންސައްތަ މަންދޫބުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ ވަޑައިގެންނެވި ބޭފުޅުންނެވެ. މިއީ ސަރަޙައްދީ ފެންވަރުގައި ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

ސަމިޓުގެ ތެރެއިން މައިގަނޑު އަށް ޕްލިނަރީ ސެޝަނެއް ކުރިއަށްދާއިރު، އޭގެ ތެރޭގައި ހިމެނޭ ހައި-ލެވެލް މިނިސްޓީރިއަލް ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޕަބްލިކް މީޑިއާއަށް މަގުފަހިކޮށްދިނުމާއި އެކަމާ ގުޅޭ ސިޔާސަތުތަކުގެ މައްޗަށެވެ.

މީގެ އިތުރުން، މި ޒަމާނުގެ ޑިޖިޓަލް މީޑިއާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގެ މުހިންމުކަމާއި، އޭގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ މީޑިއާތަކަށް ހުރި ހުރަސްތަކާއި، ޒުވާނުންގެ އަޑު މީޑިއާގެ މުސްތަޤުބަލުގައި ހިމެނުމަކީވެސް މި ސަމިޓުގެ މުހިންމު ބައިތަކެވެ.

ސަމިޓުގެ ހަވާސާގައި ތަޖުރިބާ ހިއްސާކުރުމާއި ކޮންޓެންޓް ޝޯވކޭސް ކުރުމުގެ އިތުރުން، އޭއައިބީޑީ އިންޓަރނޭޝަނަލް މީޑިއާ އެވޯޑްސް ދިނުމާއި، ގާލާ ޑިނާރއެއްގެ އިތުރުން ސަގާފީ ހަރަކާތްތަކެއްވެސް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގެ ތެރެއިން އިއްޔެ ވަނީ ޚަބަރު އުފެއްދުމުގައި އޭއައި ބޭނުންކުރުމާއި މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމާ ގުޅޭ ޚާއްސަ ވޯކްޝޮޕްތަކެއްވެސް ފަށާފައެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްސަ ހަރަކާތަކުންނެވެ. މި ސަމިޓަކީ ޒިންމާދާރު އަދި މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދޭ މުހިންމު ބައްދަލުވުމެކެވެ.

ޓެގް

މީޑިއާ ސަމިޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.