ޚަބަރު

ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ ‘އަދަދު’ ނޫހުގެ ރިޕޯޓަރުން ރައީސް އޮފީހަށް ވަނުން ހުއްޓުވައިފި

ކްރިމިނަލް ކޯޓުން ނެރުނު ‘ގެގް އޯޑަރަކާ’ ހިލާފަށް ނޫސްވެރިއަކު ސުވާލުކުރި ކަމަށް ބުނެ، ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ‘އަދަދު’ ނޫހަށް ބައިވެރިނުވެވޭ ގޮތަށް އެ އޮފީހުން މިއަދު ފިޔަވަޅު އަޅައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ އެ ނޫހުން އާންމުކުރި ‘އައިޝާ’ ޑޮކިއުމަންޓަރީއާ ގުޅިގެން ކޯޓުން ނެރުނު އަމުރާ، އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހިލާފުވެފައިވާ ކަމަށް ރައީސް އޮފީހަށް ގަބޫލުކުރެވޭތީ އެވެ. ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުމުގެ ހުއްދަ އެ ނޫހަށް ނުދޭން ނިންމީ އެ އޮފީހުގެ އުސޫލުތަކުގެ ތެރެއިން ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށެވެ.

މި މައްސަލަ ހޫނުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުއިއްޒު ކުރިން މަސައްކަތް ކުރެއްވި މުވައްޒަފަކަށް ދަންވަރު ގުޅުއްވާފައިވާ ކަމަށް ބުނާ ކޯލް ލޮގްތަކާ ގުޅޭގޮތުން ޝަހުޒާން ސުވާލު ކުރުމާ ގުޅިގެންނެވެ. އެ ސުވާލަކީ ކޯޓު އަމުރާ ހިލާފު ސުވާލެއް ކަމަށް ރައީސް އެންގެވުމާއެކު، ސެކިއުރިޓީން ވަނީ ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްފަ އެވެ.

ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި ‘އަދަދު’ ނޫހުގެ ޑޮކިއުމަންޓަރީއާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިނގަމުންދާ ކަމަށާއި، މީޑިއާ ކައުންސިލުން ވެސް އެ މައްސަލަ ބަލަމުންދާ ކަމުގެ މައުލޫމާތު އެ އޮފީހަށް ވަނީ ލިބިފަ އެވެ. ކްރިމިނަލް ކޯޓުން ކުރިން އަމުރުކޮށްފައިވަނީ އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ދައުރު ނުކުރުމަށާއި، އޭގައި ހިމެނޭ ހަސްމުންގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.

މި މައްސަލައިގައި ކޯޓު އަމުރާ ހިލާފުވި ކަމުގެ ތުހުމަތުގައި ޝަހުޒާން މާދަމާ މެންދުރުފަހު ކޯޓަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. މީގެ އިތުރުން، އަމުރުގެ ހަބަރު ލިޔެގެން އަމުރާ ހިލާފުވި ކަމުގެ ތުހުމަތުގައި އެ ނޫހުގެ އެހެން ނޫސްވެރިއެއް ކަމަށްވާ ލީވާން އަލީ ނަސީރު ވެސް މާދަމާ ހެނދުނު ކޯޓަށް ހާޒިރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި މައްސަލައިގެ ތަހުގީގު ހަލުވިވެ، ‘އަދަދު’ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލާފައިވާއިރު، އެ ދެ ބޭފުޅުންނާއި ކުރީގެ މުވައްޒަފު އީޝާ އަޝްރަފްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. މީގެ ކުރިން ޝަހުޒާން ސުވާލު ކުރި ދުވަހުގެ ރޭ ފުލުހުން ވަނީ ‘އަދަދު’ އޮފީސް ރެއިޑްކޮށް ބައެއް ތަކެތި ވެސް ގެންގޮސްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close