ލަންދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ލަންދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ލަންދޫ ފެނަކަ ބްރާންޗާއި، އެމްޑަބްލިއުއެސްސީ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ އަމަލީ މަސައްކަތް އިއްޔެ ފެށިފައިވާއިރު، މިއީ ލަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ސާފު ބޯފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއެވެ.
މި މަޝްރޫއުގެ ދަށުން ލަންދޫގައި ފެން އުފައްދާ ފެސިލިޓީއަކާއި، ފެން ރައްކާކުރާ ތަންތަނުގެ އިތުރުން މުޅި ރަށަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވިއުގަ ގާއިމުކުރެވިގެންދާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ގޭބިސީތަކަށް ރައްކާތެރި ސާފު ބޯފެން ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރަށްރަށުގެ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް، މި މަޝްރޫއު ފެށިގެން ދިއުމާ ގުޅިގެން ރަށުގެ ގިނަ ބަޔަކު ދަނީ ރައީސަށް ޝުކުރު އަދާކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ވީއެންމެ އަވަހަކަށް މި މަސައްކަތް ނިންމާލައި ރައްޔިތުންނަށް މި ޚިދުމަތް ދޭން ފެށުމެވެ.


