އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެ، ކުރިއަށް އޮތް 5 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހަވީރު 17:00 އާ ހަމައަށް ނެރުނު މި ސަމާލުގައިވާ ގޮތުން، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެއެވެ. ރާއްޖޭގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އިރުއުތުރުގެ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވެއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ދެކުނުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި، އުތުރުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑަކާއި އިރުއުތުރުން އުފެދިފައިވާ ‘ލޯޕްރެޝާ ޓްރަފް’ އެއްގެ ސަބަބުން ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. މީގެ ސަބަބުން ދެކުނުގެ ސަރަހައްދުތަކަށް މިހާރުވެސް ދަނީ ވައި ގަދަވަމުންނެވެ.
މެޓް އޮފީހުން ބުނިގޮތުގައި މިއަދުން ފެށިގެން މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވިއްސާރަކޮށް ވައި ގަދަވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި ހުރިހާ ރައްޔިތުންވެސް މޫސުމީ މައުލޫމާތަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

