ޚަބަރު

ފްލެޓަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހަމްދާން މިކަން ހާމަކުރެއްވީ އެ ފްލެޓުތަކަށް މާލޭގެ ރަށްވެހިކަން ބަދަލުކުރުމުގައި ދިމާވާ އިދާރީ ދަތިތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު ދެއްވި ވީޑިއޯ އިންޓަވިއުއެއްގަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑްމެޕާ އެއްގޮތަށް، އެއްވެސް ފިޒިކަލް ޑޮކިއުމަންޓެއް ހުށަހަޅަން ނުޖެހޭ ގޮތަށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ މައުލޫމާތެއް މިހާރު ޕޯޓަލްގެ ތެރެއިން ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިކަމުގައި ސިޓީ ކައުންސިލާ އެކު މަޝްވަރާތައް ކުރަމުން އަންނަކަން ފާހަގަކުރައްވައި، ހަމްދާން ވިދާޅުވީ ފްލެޓުތަކުގެ ރަށްވެހިކަން ބަދަލުކުރުމުގައި މިހާރު އެއްވެސް އިދާރީ ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން ފްލެޓު ލިބިފައިވާ ފަރާތްތަކަށް މިހާރުން ފެށިގެން ރަޖިސްޓްރީ ބަދަލުކުރުމުގެ ފުރުސަތު އޮތްކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

މި މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ދާދި ފަހުން ވަނީ މަޖިލީހުގައި ވާހަކަ ދައްކަވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފްލެޓުތަކަކީ “ރެންޓް ޓު އޯން” މޮޑެލްގެ އެއްބަސްވުންތަކެއް ކަމަށް ވިޔަސް، އެ ތަންތަނަށް ރަށްވެހިކަން ބަދަލުނުކުރެވޭނެ އެއްވެސް ގާނޫނީ ސަބަބެއް ނެތެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަމިއްލަ ރިއަލް އެސްޓޭޓް ތަންތަން ލޯނަށް ގަންނަ އިރު ވެސް ރަށްވެހިކަން ބަދަލުކުރެވޭ ނަމަ، ސަރުކާރުގެ މި މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެކަން ނުކުރެވެންވީ އެއްވެސް އުސޫލެއް ނެތް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް އެފްޑީސީ އާއި ސިޓީ ކައުންސިލްގައި ވެސް މިނިސްޓްރީން ވަނީ އެދިވަޑައިގެންފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close