ޚަބަރު

ސަރުކާރުގެ ވަށައިޖެހޭ ސިޔާސަތާ އެކު 23,000 އަށް ވުރެ ގިނަ އާ ވަޒީފާ އުފައްދައިފި: ރައީސް

ރާއްޖޭގެ މަސައްކަތްތެރިންގެ ކުރިއެރުމަށް ސަރުކާރުން ގެންގުޅޭ ވަށައިޖެހޭ އަދުލުވެރި ސިޔާސަތުގެ ދަށުން، މިވީ ކުރު މުއްދަތުގެ ތެރޭގައި ދައުލަތާއި އަމިއްލަ ސެކްޓަރު ހިމެނޭހެން 23,000 އަށް ވުރެ ގިނަ އާ ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ފާހަގަކުރެއްވީ، ދޭސީންނާއި ބިދޭސީންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތުގެ މައިދާނަކީ އެންމެންނަށް ފުރުސަތު އޮތް ތަނަކަށް ހެދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.

ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތްތައް:

  • ތައުލީމާއި ތަމްރީނު: ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކުރުމުގެ މަސައްކަތާއި، އެކި ފަންނުތަކުން މީހުން ބިނާކުރުމަށް ހިލޭ އެހީ އާއި ލުއި ލޯނުގެ ފުރުސަތުތައް ވަނީ އިތުރުކޮށްފަ އެވެ.
  • ޝާމިލު ނިޒާމެއް: އެއްވެސް ޒުވާނަކު ބާކީވިޔަ ނުދިނުމަށް “ދިވެހި ވަތަނީ ހިދުމަތް” ފަށާފައިވާއިރު، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ގައިދީންނަށް ވެސް ވަޒީފާގެ ފުރުސަތުތައް ވަނީ ފަހިކޮށްދީފަ އެވެ.
  • އިގްތިސާދީ ކުރިއެރުން: ބައިނަލްއަގުވާމީ އީ-ކޮމާސް މަންސަތަކާ ގުޅިގެން ދިވެހި އުފެއްދުންތަކަށް ބާޒާރު ހޯދައިދިނުމާއި، ތަރައްގީގެ މަޝްރޫއުތަކުގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުން ހިމެނެ އެވެ.

“މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ އަމަލީ މައިދާނަށް ނުކުމެވަޑައިގަތުމަކީ އަޅުގަނޑުގެ އިލްތިމާސެކެވެ،” ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ފާހަގަކުރެއްވީ، ބިދޭސީ މަސައްކަތްތެރިން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް މި ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ބައެއް ހާއްސަ ވަޒީފާތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭނެ މަސައްކަތްތަކެއްގެ ގޮތުގައި ކަނޑައަޅައި، އެކަން އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، 2045 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ހިފާފައިވާ އަމާޒަށް ވާސިލުވެވޭނީ ހީވާގި ދިވެހި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close