
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ވާދަކޮށް 5-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ.
މިއީ 1992 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ނަމަށް ބަދަލުކުރި ފަހުން، މި މުބާރާތުގެ ސެމީ ފައިނަލެއްގައި އެންމެ ގިނަ ގޯލް ފެނިގެންދިޔަ މެޗެވެ. ރޭގެ މެޗުގެ 17 ވަނަ މިނެޓުގައި ހެރީ ކޭން ވައްދާލި ޕެނަލްޓީއަކުން ބަޔާނުން ލީޑު ނެގި ނަމަވެސް، ޕީއެސްޖީން ވަނީ ފަހަތުން އަރައި ފޯރިގަދަ ކުޅުމެއް ދައްކާފައެވެ.
ޕީއެސްޖީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކްވަރަޝްކޭލިއާ އެވެ. އޭގެ ފަހުން ޖޮއާއޯ ނެވޭސް އާއި އޮސްމާން ޑެމްބެލޭގެ ގޯލްތަކުން ޕީއެސްޖީން ލީޑު ފުޅާކުރިއިރު، ބަޔާންގެ މައިކަލް އޮލީސޭ ވެސް ވަނީ ފުރަތަމަ ހާފުގައި ގޯލެއް ޖަހާފައެވެ. ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކްވަރަޝްކޭލިއާ އާއި ޑެމްބެލޭ އިތުރު ގޯލްތަކެއް ޖަހައި ޕީއެސްޖީއަށް 5-2 ގެ ލީޑެއް ހޯދައިދިނެވެ. ނަމަވެސް ބަޔާންގެ އުޕަމެކާނޯ އާއި ލުއިސް ޑިއާޒް ޖެހި ގޯލްތަކާއެކު ބަޔާނުން ވަނީ މެޗުގެ ފަހުކޮޅު ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ އެންމެ ފަހު މިނެޓުތަކުގައި ޕީއެސްޖީގެ ސެނީ މަޔޫލޫ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސްދަނޑީގައި ޖެހިފައިވާއިރު، ލުއިސް ޑިއާޒް ޖެހި ބަޔާންގެ ހަތަރުވަނަ ގޯލު ސައްހަ ކަމަށް ނިންމީ ވީއޭއާރް އިން ބެލުމަށްފަހުއެވެ. މި ނަތީޖާއާއެކު ދެވަނަ ލެގަށް ކުރިމަތިލާއިރު ޕީއެސްޖީއަށް އެއް ގޯލުގެ އެޑްވާންޓޭޖެއް އޮތް ނަމަވެސް، ބަޔާނުން ރޭ ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން ފައިނަލުގެ ޖާގައަށް އޮތް ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

