ޓެކްސީ ނަފާ ލޯނުގެ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ހޯދައިދޭނަށް: މިނިސްޓަރު ސަޢީދު

ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލޯނު ނަގާފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ބަލައި، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ލޯނުގެ ދަށުން ލިބުނު ކާރުތައް ރަޖިސްޓަރީ ކުރުން ލަސްވުމުގެ ސަބަބުން އާމްދަނީއެއް ނުލިބި، ލޯނު ދައްކަން ޖެހުމުން ކުރިމަތިވާ ތަކްލީފުތައް ބަޔާންކޮށް އާންމު ފަރާތަކުން ސޯޝަލް މީޑިއާގައި ފޮނުވި ސިޓީއަކަށް ޖަވާބު ދެއްވަމުންނެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރު ސަޢީދު ވިދާޅުވީ، ވިޔަފާރިން ނަފާ ނުލިބެނީސް ލޯނު ދެއްކުމަށް ބާރުއެޅުމަކީ ޢަދުލުވެރި ގޮތެއް ނޫން ކަމަށާއި، މިކަންކަން ބަލައިދިނުމަށް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އިސް ވާޖިބެއްގެ ގޮތުގައި ދެކޭކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، ދިމާވާ މައްސަލަތަކުގައި އަވަސް ހައްލު ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޓެކްސީ ނަފާ ލޯނު ސްކީމަކީ މާލޭ ސަރަޙައްދުގައި ޓެކްސީ ކުރާ ފަރާތްތަކަށް އެހީތެރިވުމަށް ފެށި ސްކީމަކަށްވާއިރު، އިދާރީ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

