ބޭރުދުނިޔެ

ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންގެ ކަންކަން ސިއްރިއްޔާތުގައި ބެލުމަށް ސެކިއުރިޓީ ކުންފުންޏަކަށް ފައިސާ ދީފި

އިނގިރޭސިވިލާތުގެ 12 ޔުނިވަރސިޓީއަކުން، ކުރީގެ އަސްކަރީ ޖާސޫސީ އޮފިސަރުން ހިންގާ އަމިއްލަ ކުންފުންޏަކަށް ފައިސާ ދީގެން، ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންނާއި އެކަޑަމީ ދާއިރާގެ ބޭފުޅުންގެ ހަރަކާތްތައް ސިއްރިއްޔާތުގައި ބަލަމުންދާކަން ހާމަވެއްޖެއެވެ.

އަލްޖަޒީރާ އިންގްލިޝް އާއި “ލިބަޓީ އިންވެސްޓިގޭޓްސް” ގުޅިގެން ހިންގި ތަހުގީގަކުން ހާމަވި ގޮތުގައި، “ހޯރަސް ސެކިއުރިޓީ ކޮންސަލްޓެންސީ ލިމިޓެޑް” އިން ވަނީ ދަރިވަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލައި، ޓެރަރިޒަމާ ގުޅުންހުރި ނުރައްކާތަކެއް އޮތްތޯ ބެލުމުގެ ގޮތުން ސިއްރު ދިރާސާތަކެއް ކޮށްފައެވެ. މި މަސައްކަތް ކޮށްފައިވަނީ އިނގިރޭސިވިލާތުގެ އެންމެ ފުންނާބުއުސް ބައެއް މަތީ ތައުލީމީ މުއައްސަސާތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުންނެވެ.

އަމިއްލައަށް “ލީޑިންގ އިންޓެލިޖެންސް” ނުވަތަ ޖާސޫސީ ދާއިރާގެ އިސް ކުންފުންޏެއްގެ ގޮތުގައި ތައާރަފުވާ މި ކުންފުންޏަށް، 2022 ވަނަ އަހަރުން ފެށިގެން ޔުނިވަރސިޓީތަކުން މަދުވެގެން 440,000 ޕައުންޑް (ގާތްގަނޑަކަށް 594,000 އެމެރިކާ ޑޮލަރު) ދީފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ.

މިގޮތަށް ފާރަލައި މައުލޫމާތު އެއްކުރެވުނު މީހުންގެ ތެރޭގައި، މެންޗެސްޓަރ މެޓްރޯޕޮލިޓަން ޔުނިވަރސިޓީގައި ތަގުރީރު ދިނުމަށް ދައުވަތު ދެވުނު ފަލަސްތީނުގެ އެކަޑަމިކް ބޭފުޅަކާއި، ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް (LSE) ގައި ކިޔަވަމުންދާ، ޣައްޒާއަށް ތާއީދުކުރާ ޕީ.އެޗް.ޑީ ދަރިވަރަކު ހިމެނޭކަން ދާހިލީ ލިޔެކިޔުންތަކުން ވަނީ ކަށަވަރުވެފައެވެ.

ޔުނިވަރސިޓީގެ އީމެއިލްތަކުން އެނގޭ ގޮތުގައި، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ޔުނިވަރސިޓީ އޮފް ބްރިސްޓަލްއިން ވަނީ އެ ޔުނިވަރސިޓީން މައުލޫމާތު ބޭނުންވާ އިހުތިޖާޖުކުރާ ދަރިވަރުންގެ ގްރޫޕްތަކުގެ ލިސްޓެއް އެ ކުންފުންޏަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކާއި ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ހިމެނެއެވެ.

ދަރިވަރުންގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް މި ކުންފުންޏަށް ފައިސާ ދީފައިވަނީ ޖުމްލަ 12 ޔުނިވަރސިޓީއަކުންނެވެ. އޭގެ ތެރޭގައި އޮކްސްފޯޑް ޔުނިވަރސިޓީ، އިމްޕީރިއަލް ކޮލެޖް ލަންޑަން، ޔުނިވަރސިޓީ ކޮލެޖް ލަންޑަން (UCL)، ކިންގްސް ކޮލެޖް ލަންޑަން (KCL)، ޔުނިވަރސިޓީ އޮފް ޝެފީލްޑް، ޔުނިވަރސިޓީ އޮފް ލެސްޓަރ، ޔުނިވަރސިޓީ އޮފް ނޮޓިންގހަމް އަދި ކާޑިފް މެޓްރޯޕޮލިޓަން ޔުނިވަރސިޓީ ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close