ޚަބަރު

ބީއެމްއެލް އިން ލޯނު ނެގޭ އުމުރު 75 އަހަރަށް މަތިކޮށް، ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ބޮޑެތި ލުއިތަކެއް ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރުގެ މަތީ އިން 60 އަހަރުން 75 އަހަރަށް ބަދަލުކުރުމަށް އެ ބޭންކުގެ ބޯޑުން ނިންމާފައިވާކަން ސީއީއޯ މުހައްމަދު ޝަރީފު މިއަދު އިއުލާން ކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، އިއްޔެ ފާސްކުރި މި ބަދަލާއެކު މެދު އުމުރުގެ މީހުންނަށް 20 ނުވަތަ 25 އަހަރަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފުރުސަތު ލިބި، ގެދޮރު ގަތުމާއި އެހެނިހެން ބޭނުންތަކަށް ފައިސާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ރިސޯޓް މުވައްޒަފުންނާއި ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިން ފަދަ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ވެސް ބޭންކުން ވަނީ ނިންމާފައެވެ. އެގޮތުން ޑޮލަރުން ލޯނު އަނބުރާ ދައްކާ ނަމަ، އާންމު އިންޓްރަސްޓް ރޭޓުން 1.5 އިންސައްތަ ކުޑަކޮށްދިނުމުގެ އިތުރުން، ލޯނު ނެގުމަށް އަމިއްލައަށް އިންވެސްޓް ކުރަންޖެހޭ “އިކުއެޓީ” ވެސް 5 އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ.

މި ބަދަލުތައް ގެންނަން ނިންމީ ރިސޯޓް މުވައްޒަފުންނާއި އާންމުންގެ ފަރާތުން ލިބެމުންދިޔަ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް، ރާއްޖޭގައި ތިބެގެން އެޕާޓްމެންޓް ފަދަ ތަންތަން ގަތުމަށް ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިވުމުގެ މަގުސަދުގައެވެ. މީގެ ސަބަބުން ގިނަ ދުވަހަށް ބަހާލައިގެން ކުޑަ އަގުގައި ލޯނު އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިވެ، ދިވެހި އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close