ލޫއިޒިއާނާގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި 8 ކުޑަކުދިން މަރުވެއްޖެ

އެމެރިކާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ލޫއިޒިއާނާގައި ހިނގި ނުރައްކާތެރި ބަޑީގެ ހަމަލާތަކެއްގައި އަށް ކުޑަކުދިން މަރުވެއްޖެއެވެ. ފުލުހުން ބުނާ ގޮތުގައި މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގާފައިވާ ހިތާމަވެރި ހާދިސާއެކެވެ.
މި ހަމަލާދިން މީހާ، އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނާ ފިލަން ކާރުގައި އުޅެނިކޮށް، ފުލުހުން ދިން ބަޑީގެ ހަމަލާތަކުގައި ވަނީ މަރުވެފައެވެ. އޭނާއަކީ ކާކުކަން ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ލޫއިޒިއާނާގެ ހުޅަނގު އުތުރުގައި އޮންނަ ޝްރެވްޕޯޓް ސިޓީގައެވެ.
ޝްރެވްޕޯޓްގެ ފުލުހުންގެ ކޯޕްރަލް ކްރިސް ބޯޑެލޮން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކުށުގެ މައިދާނެއް ކަމަށާއި، ތަހުގީގު ޓީމުތަކުން މިހާރު ތިން ގެއެއް ބަލައި ފާސްކުރަމުންދާ ކަމަށެވެ.
މަރުވި ކުދިންގެ އުމުރަކީ އެއް އަހަރާއި 14 އަހަރާ ދެމެދު ކަމަށާއި، އޭގެ ތެރޭގައި ހަމަލާދިން މީހާގެ އަމިއްލަ ދަރިންވެސް ހިމެނޭ ކަމަށް ބޯޑެލޮން ވިދާޅުވިއެވެ.
މީގެ އިތުރުން، އިތުރު ދެ މީހަކަށް ބަޑީގެ ހަމަލާ އަމާޒުވެފައިވީ ނަމަވެސް، އެމީހުންގެ ހާލަތާ ބެހޭ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ފުލުހުންގެ ވެރިޔާ ވޭން ސްމިިތު ވިދާޅުވީ، މިއީ އޭނާގެ މުޅި ހަޔާތުގައިވެސް ފެނުނު އެންމެ ބިރުވެރި އަދި ބޮޑު ހާދިސާ ކަމަށެވެ.
ލޫއިޒިއާނާ ސްޓޭޓް ޕޮލިހުން މިހާރު ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބޮސިއާ ސިޓީއާ ހަމައަށް ފުލުހުން ކުރި ފަހަތުން ދުވުމުގައި އެއްވެސް ފުލުހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ސްޓޭޓް ޕޮލިހުން ވަނީ މި ހާދިސާއާ ގުޅުންހުރި އެއްވެސް ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ މައުލޫމާތެއް އޮތް ނަމަ، އެކަން ތަހުގީގީ އިދާރާތަކާ ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.


