ޚަބަރު

މަސްވެރިންނަށް ހާއްސަ އަގުގައި 1.1 މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ތެޔޮ ފޯރުކޮށްދީފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ޑީސަލް މަސްވެރިންނަށް އަގުހެޔޮކޮށް ފޯރުކޮށްދީފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ބައިނަލްއަގްވާމީ މާކެޓަށް އަންނަ ލޮޅުންތަކާ އެކުވެސް ރާއްޖޭގެ މަސްވެރިކަމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން މި ޕްރޮގްރާމަކީ މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ތަޢާރަފްކުރި މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ސްކީމްގެ ދަށުން ތެޔޮ ދޫކުރަނީ އުޅަނދުގެ ސައިޒަށް ބަލައި ކަނޑައެޅިފައިވާ އުސޫލަކުންނެވެ. އެގޮތުން 85 ފޫޓަށްވުރެ ބޮޑު ދޯނިތަކަށް 5000 ލީޓަރު، 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު، އަދި 50 ފޫޓަށް ވުރެ ކުދި އުޅަނދުތަކަށް 1500 ލީޓަރު މިފްކޯ މެދުވެރިކޮށް ދޫކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާތަނަށް 958 މަސްދޯންޏަކަށް މި ލުއި ލިބިފައިވެއެވެ.

މިފްކޯގެ ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަކަށް ތެޔޮ ދޫކޮށްފައިވަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންނެވެ. އެ ސެންޓަރުން 583,220 ލީޓަރު ދޫކޮށްފައިވާއިރު، އައްޑޫއިން 255,445 ލީޓަރު، ހުޅުމާލެއިން 133,004 ލީޓަރު، ފެލިވަރުން 72,710 ލީޓަރު އަދި ހިންމަފުށިން 62,251 ލީޓަރުގެ ތެޔޮ މަސްވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.

އަގުތަކަށް ބަލާއިރު މަސްކިރާ އާންމު އުޅަނދުތަކަށް ޑީސަލް ލީޓަރެއް ލިބެނީ 16.54 ރުފިޔާއަށެވެ. ނަމަވެސް ތިން ޓަނަށްވުރެ ގިނައިން މަސް ކިރާ އުޅަނދުތަކަށް އެއަށް ވުރެ ހެޔޮ އަގެއް ކަމަށްވާ 16.04 ރުފިޔާއަށް ލީޓަރެއް ލިބޭނެއެވެ. މަސްވެރިކަމާ ގުޅުމެއް ނެތް އެހެން ބޭނުންތަކަށް ތެޔޮ ގަންނަ ފަރާތްތަކަށް ލީޓަރެއް ވިއްކަނީ 17.54 ރުފިޔާއަށް ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close