ބޭރުދުނިޔެ

ހުރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަރުގަދަކޮށްފި

ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން އިތުރަށް ވަރުގަދަކޮށް، އެ މަގު އަލުން ބަންދުކޮށްފިކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، ކަނޑުއޮޅި ބަންދުކޮށްގެން އީރާނަށް އެމެރިކާ ބްލެކްމެއިލް ނުކުރެވޭނެ ކަމަށެވެ.

އީރާނުން މި ފިޔަވަޅު އަޅާފައިވަނީ، އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިޞާރުކޮށްފައި އޮންނަ އޮތުމަކީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފު، އަދި “ކަނޑުފޭރުމުގެ” އަމަލެއް ކަމަށް ސިފަކޮށް އޭގެ ރައްދުގައެވެ. އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވީ އީރާނުގެ ކަނޑުގެ ސިފައިން ތިބީ ދުޝްމަނުންނަށް “އާ ހިތްދަތި ބަލިވުންތަކެއް” ދިނުމަށް ތައްޔާރަށް ކަމަށެވެ.

ކަނޑުދަތުރުފަތުރާބެހޭ މަސްދަރުތަކުން ބުނާ ގޮތުގައި، މި ކަނޑުއޮޅިން ދަތުރުކުރަން އުޅުނު އިންޑިއާގެ ދިދަ ނަގާފައިވާ ދެ އާގުބޯޓަކަށް ވަނީ ހަމަލާދީފައެވެ. މިކަމާ ގުޅިގެން އިންޑިއާއިން ވަނީ އެ ޤައުމުގައި ހުންނަ އީރާނުގެ ސަފީރު ހާޒިރުކޮށް، ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި ތިމާވެށި ހިމާޔަތްކުރުމަށްދާ ޚަރަދުގެ ގޮތުގައި ފީއެއް ނެގުމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، މާޗު މަހުގެ ކުރީކޮޅު ލުބުނާނުގެ ހިޒްބުﷲ އިން މި ހަނގުރާމައިގެ ތެރެއަށް ވަނުމާ ގުޅިގެން އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނަށް އަރައިގަނެފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ހުކުރު ދުވަހު ކަނޑުއޮޅި ހުޅުވާލަފާނެކަމުގެ އުންމީދުގައި ތެލުގެ އަގު 10% ދަށަށް ދިޔަ ނަމަވެސް، އީރާނުގެ މި ނިންމުމާއެކު އަނެއްކާވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މިވަގުތުވެސް ގަލްފުގެ ސަރަހައްދުގައި 20،000 އެއްހާ ނިޔަމިންނާއެކު އެތައް ސަތޭކަ އުޅަނދެއް ވަނީ ކަނޑުއޮޅި ހުރަސްނުކުރެވި ތާށިވެފައެވެ.

އެމެރިކާގެ ސިޔާސީ މަސްރަޙަށް ބަލާއިރު، މި ދަނޑިވަޅަކީ އެމެރިކާގެ އެތެރޭގެ އިންތިޚާބުތައް (މިޑްޓަރމް) ގާތްވަމުން އަންނަ، އަދި ތެލުގެ އަގާއި އިންފްލޭޝަން މައްޗަށް ގޮސްފައިވާ ދަނޑިވަޅަކަށް ވުމުން، ހަނގުރާމައިން ނުކުންނާނެ މަގަކާއިމެދު ޓްރަމްޕަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

ޕާކިސްތާނު މެދުވެރިވެގެން ދާދިފަހުން ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު އެމެރިކާއިން އާ ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، އީރާނުން އެކަމާ ވިސްނަމުންދާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ. ޓްރަމްޕް ބުނީ އީރާނާއެކު ރަނގަޅު ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ. ނަމަވެސް ބުދަ ދުވަހު ހަމަވާ ވަގުތީ ސުލްޙައިގެ އެއްބަސްވުމުގެ ކުރިން ދާއިމީ ހައްލެއް ނުލިބިއްޖެނަމަ އަލުން ހަނގުރާމަ ފަށާނެ ކަމަށް އޭނާ ބުންޏެވެ. އަދި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްގެން އޮތް އޮތުން ކުރިއަށް ގެންދާނެ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް 20 އަހަރަށް ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާއިރު، އީރާނުން ބޭނުންވަނީ 3 ނުވަތަ 5 އަހަރަށް މެދުކަނޑާލުމަށެވެ. މި މައްސަލައިގައި އީރާނުގައި ހުރި ފައްކާކޮށްފައިވާ ޔުރޭނިއަމް ބޭރުކުރުމަށް އެހީތެރިވެދިނުމަށް ރަޝިއާގެ ރޮސާޓޮމް ކުންފުނިން ތައްޔާރަށް އޮތްކަން ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close