ޚަބަރު

އިންތިޚާބުތައް އެއްކޮށްލުމުގެ ވޯޓު ނާކާމިޔާބުވީ ކެމްޕޭން ޓީމުތަކުގެ އިހުމާލުން ކަމަށް ރައީސް ވިދާޅުވެއްޖެ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ، އެކަމުގެ މުހިންމުކަން ރައްޔިތުންނަށް ކިޔައިދިނުމުގައި ޕީއެންސީގެ ކެމްޕޭން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެދުނު ގޮތާ ދެކޮޅަށް ރައްޔިތުން ގޮތް ނިންމީ އިދިކޮޅު ފަރާތްތަކުން ފެތުރި ވާހަކަތަކަށް ރައްޔިތުން އިތުބާރު ކުރުމުން ކަމަށާއި، މިއީ ޕާޓީގެ ޓީމުތަކުން ފިލާވަޅު ލިބިގަންނަންޖެހޭ ކަމެއް ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އޮތް ވަރަށް ސާފު އަދި މުހިންމު ކަމަކަށް ވީނަމަވެސް، އެކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ޕީއެންސީން ދިން ސަމާލުކަން ކުޑައެވެ. ނަމަވެސް، ރައްޔިތުން މިހާރު އެކަމަށް ނޫނެކޭ ބުނެފައިވާތީ، އިންތިޚާބުތައް ބާއްވާ ނިޒާމަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށާއި، ރައްޔިތުން ނިންމި ގޮތަށް އެކަން ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންތިޚާބުގައި ލިބުނު ބައެއް މޮޅުތަކާއެކުވެސް، ކުރިމަތިވި ނާކާމިޔާބީތައް ގަބޫލުކޮށް، ހަގީގަތާ ކުރިމަތިލާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްއަކީ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ކޮންގްރެސްގެ ތެރެއިން ގާބިލު ކެންޑިޑޭޓުން ނެރެވޭނެ މަގު ފަހިވެ، ކުރިއަށް އޮތް ރިޔާސީ އަދި މަޖިލިސް އިންތިޚާބުތައް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close