ޚަބަރުކުޅިވަރު

8 އަހަރަށްފަހު ލަންދޫގެ ފަސްގަނޑުގައި ރަށުން ބޭރުގެ ޓީމަކާ ދެކޮޅަށް ޒުވާނުން ފުޓްބޯޅަ މެޗެއް ކުޅެފި

ނ. ލަންދޫގެ ޒުވާނުން 8 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލަންދޫގެ ފަސްގަނޑުގައި ރަށުން ބޭރުގެ ޓީމަކާ ދެކޮޅަށް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެފިއެވެ.

ލަންދޫގައި ކުރިން އޮތް ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން، ރަށުން ބޭރުގެ ޓީމުތަކަށް ދައުވަތު ދީގެން މެޗުތައް ކުޅުން އޮތީ މެދުކެނޑިފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފެށި މި މަޝްރޫޢު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމައި، ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއެކު، މިއަދު ކުޅެވުނު މެޗަކީ އެ ދަނޑުގައި ކުޅެވުނު ޒުވާނުންގެ ފުރަތަމަ ރަސްމީ އެކުވެރިކަމުގެ މެޗެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގައި ބައްދަލުކުރީ ލަންދޫ ޒުވާނުންގެ ޓީމާއި ނ. ކެނދިކުޅުދޫ ޒުވާނުންގެ ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު 5-3 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ކެނދިކުޅުދޫ ޓީމެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ކެނދިކުޅުދޫގައި ފެށުމަށް ތައްޔާރުވަމުންދާ މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުން، އެ ރަށު ޓީމުގެ ދައުވަތަކަށް ކުޅުނު މެޗެކެވެ.

ލަންދޫއަކީ މީގެ ކުރިން ފުޓްބޯޅައިގެ ފޯރި ގަދަ، އަހަރެއްގެ މައްޗަށް ރަށުން ބޭރުގެ ޓީމުތަކާ ދެކޮޅަށް އެވްރެޖްކޮށް 10 ވަރަކަށް މެޗު ކުޅެމުން އައި ރަށެކެވެ. އެންމެ ފަހުން އެ ރަށު ދަނޑުގައި ރަށުން ބޭރުގެ ޓީމަކާ ދެކޮޅަށް މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 22 ގައެވެ. އެއީ މާފަރު ޓީމާ ދެކޮޅަށް ކުޅުނު މެޗެކެވެ. އެ މެޗު 3-2 އިން ކާމިޔާބުކުރީ ލަންދޫ ޓީމެވެ.

ގިނަ ދުވަސްތަކަކަށްފަހު ރަށުގެ އަމިއްލަ ފަސްގަނޑުގައި، ފެންވަރު ރަނގަޅު ދަނޑެއްގައި ބޭރު ރަށެއްގެ ޓީމަކާ ދެކޮޅަށް ކުޅުމުގެ ފުރުޞަތު ލިބުމަކީ ލަންދޫގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މިއާއެކު އެރަށުގެ ފުޓްބޯޅައިގެ ފޯރި އަލުން އާލާވެގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close