ތެލާއި ގޭހުގެ ޝިޕްމަންޓްތައް ވަނީޝެޑިއުލް ކުރެވިފައި، ދަތިކަމެއް ނެތް: ވަޒީރުން

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލާއި ގޭހުގެ ގިނަ ޝިޕްމަންޓްތަކެއް ޝެޑިއުލް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތާ ވެސް ތެލާއި ގޭސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ހާމަކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ހަނގުރާމައަށް 45 ދުވަސް ވެގެންދިޔައިރު ވެސް ތެލާއި ގޭސް ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ގެނެވޭނެ ކަން ޔަޤީންކުރުމަށް ކުރި މަސައްކަތް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
ޑީސަލް އަށް މިހާރު އަޅުގަނޑުމެންނަށް ލިބިފަ ހުރި ތާރީހުތަކުގައި އޭޕްރިލް މަހުގެ ބާރަ، އަށާރަ، ސައްވީސް އަދި ހަތެއް މޭ، ފަނަރަ މޭގައިވެސް ޝިޕްމަންޓްތައް ޝެޑިއުލް ކުރެވިފައި އެބަހުރި. ޕެޓްރޯލަށް ބަލައިފިކަމަށް ވަންޏާ އަށާރަ އޭޕްރިލް، ހަތާވީސް އޭޕްރިލް، ފަނަރަ މޭ ދޭއް ޖޫން، އެކާވީސް ޖޫން، މިހެން ގޮސް ހަމަ ޝެޑިއުލްތަކެއް އެބައޮތް. އެލް.ޕީ.ޖީ އަށް ބަލައިފި ކަމަށްވަންޏާ ބާވީސް، ތޭވީސް އޭޕްރިލް ހިސާބުގަ އަނެއްކާވެސް ހަމަ ޝިޕްމަންޓްތަކެއް އެބަހުރި” އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވިއެވެ.
މިއީ ރޭވުންތެރިކަމާ އެކު ދުރާލާ އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ކަމަށް ވަޒީރު ސައީދު ވިދާޅުވި އެވެ.



