ބޭރުދުނިޔެ

އީރާނުގެ ފައިސާ ދޫކޮށްލަން އެމެރިކާއިން އެއްބަސްވި ކަމަށް ބުނާ ވާހަކަ ވައިޓް ހައުސްއިން ދޮގުކޮށްފި

އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތައް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު ދޮގުކުރައްވައިފިއެވެ.

މީގެ ކުރިން ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގަތަރާއި އެހެނިހެން ބޭރުގެ ބޭންކުތަކުގައި ހުރި އީރާނުގެ ފައިސާ ދޫކޮށްލުމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. ރޮއިޓާސްއިން މި ޚަބަރު ފަތުރާފައިވަނީ އީރާނުގެ އިސް މަސްދަރަކާ ހަވާލާދީއެވެ.

އީރާނުގެ އިސް މަސްދަރަކުން ހޮނިހިރު ދުވަހު ބުނެފައިވަނީ، އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާ “ސީރިއަސް” ކަން ދައްކައިދިނުމުގެ ގޮތުން، ގަތަރާއި އެހެނިހެން ގައުމުތަކުގައި ހުރި އީރާނުގެ ފައިސާ ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށެވެ.

މި މައްސަލައިގެ ނާޒުކުކަމުން ނަން ހާމަނުކުރުމަށް އެދި އެ މަސްދަރުން ރޮއިޓާސްއަށް ބުނި ގޮތުގައި، މި ފައިސާ ދޫކޮށްލުމަކީ “ހޯރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަން ކަށަވަރުކުރުމާ” ސީދާ ގުޅުންހުރި ކަމެކެވެ. މިއީ މި މަޝްވަރާތަކުގެ މައިގަނޑު އެއް މައުޟޫއަށް ވާނެ ކަމަށް ބެލެވެއެވެ.

އީރާނުގެ އިސް މަސްދަރުން އެމެރިކާއިން ދޫކޮށްލަން އެއްބަސްވި ފައިސާގެ އަދަދެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އީރާނުގެ ދެވަނަ މަސްދަރަކުން ބުނި ގޮތުގައި، ގަތަރުގައި ހުރި އީރާނުގެ 6 ބިލިއަން ޑޮލަރު ދޫކޮށްލުމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި ގަތަރުގެ ފޮރިން މިނިސްޓްރީން ވެސް މިކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އަށެއްކަ އަހަރު ކުރިން ހިފަހައްޓާފައިވާ ފައިސާ

މި 6 ބިލިއަން ޑޮލަރަކީ އަސްލު 2018 ވަނަ އަހަރު ހިފެހެއްޓި ފައިސާއެވެ. މި ފައިސާ 2023 ވަނަ އަހަރު ދޫކޮށްލުމަށް ހަމަޖެހުނީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ކައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، 7 އޮކްޓޯބަރު 2023 ގައި ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން، ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ މި ފައިސާ އަލުން ހިފަހައްޓާފައެވެ.

އެ ދުވަސްވަރު އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތަނުގައި އީރާނަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށާއި، އެ އެކައުންޓް އެއްކޮށް ހިފެހެއްޓުމުގެ އިޚްތިޔާރު އެމެރިކާއަށް އޮންނާނެ ކަމަށެވެ.

މި ފައިސާއަކީ އީރާނުން ދެކުނު ކޮރެއާއަށް ތެޔޮ ވިއްކައިގެން ލިބުނު ފައިސާއެވެ. މި ފައިސާ ދެކުނު ކޮރެއާގެ ބޭންކުތަކުގައި ހިފެހެއްޓުނީ 2018 ވަނަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ.

ސެޕްޓެމްބަރު 2023 ގައި ދޯހާގެ މެދުވެރިކަމާއެކު ވެވުނު ކައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މި ފައިސާ ވަނީ ގަތަރުގެ ބޭންކު އެކައުންޓްތަކަށް ބަދަލުކުރެވިފައެވެ. އެ އެއްބަސްވުމުގެ ދަށުން އީރާނުގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ފަސް މީހަކު މިނިވަންކޮށް، ބަދަލުގައި އެމެރިކާގައި ތިބި އީރާނުގެ ފަސް މީހަކާއި މި ފައިސާ ދޫކޮށްލުމަށް ނިންމުނެވެ.

އެމެރިކާގެ އޮފިޝަލުން އޭރު ވިދާޅުވި ގޮތުގައި، މި ފައިސާ ބޭނުންކުރެވޭނީ ހަމައެކަނި އިންސާނީ އެހީތެރިކަމަށެވެ. އެގޮތުން އެމެރިކާގެ ޓްރެޜަރީގެ ބެލުމުގެ ދަށުން އީރާނަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ދަނޑުވެރިކަމުގެ ތަކެތި ގަތުމަށް އެ ފައިސާ ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close