ތުރުކީންވެސް 15 އަހަރުންދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރަނީ

ތުރުކީގެ ޕާލަމަންޓުގައި، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމާ ބެހޭ ބިލެއްގެ ބަހުސް ފަށައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ފެށި މި ބަހުސަކީ، އިންޓަނެޓްގެ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކަމެކެވެ. މިއާއެކު ތުރުކީ ވެގެން ގޮސްފައިވަނީ މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކުރާ ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ.
މި ބިލު ގާނޫނަކަށް ވެއްޖެނަމަ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ކަށަވަރުކުރާނެ ނިޒާމުތައް ގާއިމުކޮށް، ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭނެއެވެ. އަދި ކުދިންނަށް ގެއްލުންހުރި ކަމަށް ބެލެވޭ ކޮންޓެންޓްތަކަށް ވަގުތުން ފިޔަވަޅު އެޅުމަށް ކުންފުނިތަކަށް މަޖުބޫރުވާނެއެވެ. މި ބަހުސް ޕާލަމަންޓުގައި ކުރިއަށްދާނީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މި ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ އިންޓަނެޓްގެ ސަބަބުން ކުޑަކުދިންގެ ރައްކާތެރިކަމަށާއި އަމިއްލަ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމެވެ.
މިކަމާ ގުޅޭގޮތުން ތުރުކީގެ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު މަހިނޫރު އޮޒްދެމިރް ގޯކްތާޝް މިއަހަރު ކުރީކޮޅު ވިދާޅުވެފައިވަނީ، “ހުރިހާ ބާވަތެއްގެ ނުރައްކާތަކާއި، ބިރުތަކާއި އަދި ގެއްލުންހުރި ކޮންޓެންޓްތަކުން އަޅުގަނޑުމެންގެ ކުދިން ރައްކާތެރިކުރުމަކީ އެންމެ އިސްކަންދޭ ކަންތައް” ކަމަށެވެ.
ނަމަވެސް، އިދިކޮޅު މައި ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީ.އެޗް.ޕީ) އިން ވަނީ މި ހުށަހަޅުމަށް ފާޑުކިޔާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި ކުޑަކުދިން ރައްކާތެރިކުރަންވާނީ މަނާކުރުންތަކެއް ގެނެސްގެންނެއް ނޫނެވެ. އެއާ ހިލާފަށް، އެކުދިންގެ ހައްގުތަކަށް އިސްކަންދޭ ސިޔާސަތުތަކެއްގެ ތެރެއިންނެވެ.
މި ބިލުގައިވާ ގޮތުން ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި 15 އަހަރުން ދަށުގެ ކުދިން އެކައުންޓް ހުޅުވުން މަނާކުރަން ޖެހޭނެއެވެ. އަދި ބެލެނިވެރިންނަށް ކުދިންގެ ހަރަކާތްތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެއެވެ.
މީގެ އިތުރުން، އޮންލައިން ގޭމް ކުންފުނިތަކުން ތުރުކީގައި މަންދޫބަކު އައްޔަންކުރުން ލާޒިމުވާނެއެވެ. މި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް އިންޓަނެޓްގެ ސްޕީޑް ދަށްކުރުމާއި، ތުރުކީގެ މުވާސަލާތީ އިދާރާއިން ބޮޑެތި ޖޫރިމަނާތަކެއް ކުރުން ފަދަ އަދަބުތައް ކަނޑައެޅިފައިވެއެވެ.
ފަހަކަށް އައިސް ތުރުކީ ސަރުކާރުން ވަނީ އޮންލައިން ޕްލެޓްފޯމްތަކުގެ ބޭނުން ހިފުން ހަނިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމުގެ މަސައްކަތްތައް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ދަނީ ކުރަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ފަށާފައިވާއިރު، އެ ގައުމުގައި ވަނީ ކުޑަކުދިންގެ ގޮތުގައި ފާހަގަކުރެވުނު 4.7 މިލިއަން އެކައުންޓް ބަންދުކޮށްފައެވެ.
މީގެ އިތުރުން އިންޑޮނޭޝިއާ، ސްޕެއިން، ފްރާންސް އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުންވެސް ދަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. މީގެ ތެރޭގައި ބަދުއަހުލާގީ ކަންކަމާއި، އޮންލައިންކޮށް ގަނާކުރުމާއި (ސައިބަރ ބުލީއިން)، މަކަރާއި ހީލަތުގެ ދަންތުރަތަކުން ކުދިން ރައްކާތެރިކުރުން ހިމެނެއެވެ.


