ބޭރުދުނިޔެ އީރާނު ސުންނާފަތިކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރެއް ޓްރަމްޕް ދެއްވައިފި

އީރާނު ސުންނާފަތިކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރެއް ޓްރަމްޕް ދެއްވައިފި

އީރާނު ސުންނާފަތިކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރެއް ޓްރަމްޕް ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން ބޭނުންވާ ގޮތަށް ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެއްބަސްނުވެއްޖެނަމަ، އެ ގައުމު ސުންނާފަތިކޮށްލައި މުޅި ގައުމު “ހިފާނެ” ކަމުގެ ހަރުކަށި އިންޒާރެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ދޫނުދީފިނަމަ، އަންގާރަ ދުވަހުގެ ރޭގަނޑު ޖީއެމްޓީ ގަޑިން 12:00 ގައި އެ ގައުމުގެ މުހިންމު މަދަނީ ވަސީލަތްތަކަށް ހަމަލާދޭން ފަށާނެ ކަމަށެވެ.

“އެއް ރެއެއްގެ ތެރޭގައި މުޅި ގައުމު ހިފިދާނެ. އެރެއަކީ ފަހަރެއްގައި މިރޭ ކަމަށްވެސް ވެދާނެ،” ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރީ ބާރުގެ ބޭނުންކޮށްގެން އީރާނުގެ ހުރިހާ ބްރިޖުތަކަކާއި އިންޖީނުގެތަކެއް ގޮއްވާލައި، ދުވަހަކުވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލެވޭނެއެވެ. އަދި މިފަދަ ހަމަލާއަކުން ލިބޭ ގެއްލުންތައް އާރާސްތުކުރަން 100 އަހަރު ނަގާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ އީރާނަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ވަގުތުތަކަކީ އީރާނާ ދެކޮޅަށް ދޭ ހަމަލާތައް އެންމެ ވަރުގަދަވާނެ ވަގުތުތަކެވެ. އަދި އީރާނަށް އޮތް ފުރުސަތަކީ ބުއްދިވެރިކަމާއެކު ގޮތެއް ނިންމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޓްރަމްޕްގެ މި ހަރުކަށި އިންޒާރު އައިސްފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދެކޮޅު ހެދުމާ ގުޅިގެންނެވެ. އީރާނުން ވަނީ ޕާކިސްތާން މެދުވެރިކޮށް، ދިހަ ނުކުތާގެ އަމިއްލަ ހުށަހެޅުމެއް ހުށަހަޅާފައެވެ. އީރާނުގެ ރަސްމީ ނޫސް އޭޖެންސީ “އައިއާރްއެންއޭ” އިން ރިޕޯޓްކުރާ ގޮތުގައި، އެ ގައުމުގެ ހުށަހެޅުމުގައި ހިމެނެނީ ސަރަހައްދީ ހަމަނުޖެހުންތައް ހުއްޓާލުމާއި، ހޮރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ.

ޓެގް

ޓްރަމްޕް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.