ބޭރުދުނިޔެ

ޖިއްދާގެ ފިހާރަތަކަށް ވިލާތުގެ ރަހަތަކެއް: ފޮކްސް އެންޑް އައިރިޝް ބޭކަރީ

ސުވިޑަންގެ ކައްކާއެއް ކަމަށްވާ ނިކްލަސް ޔޫސުފް ޔޯހަންސަން އާއި އޭނާގެ ވެލްޝް ބައިވެރިޔާ ޖިއްދާގައި ހުޅުވި “އާޓިސަނަލް” ބޭކަރީއަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ. ޖިއްދާގެ އިތުރުން ރިޔާޟް އަދި މައްކާ ފަދަ ސިޓީތަކުންވެސް ގިނަ ބަޔަކު މި ބޭކަރީގެ އުފެއްދުންތައް ބޭނުންވެގެން އާދެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު “ފޮކްސް އެންޑް އައިރިޝް” ބޭކަރީ ހުޅުވީ އައްޞަފާ އަވަށުގައި ހުންނަ އަލް-ކާކީ ސުޕަރމާކެޓްގެ ކުޑަ ތަންކޮޅެއްގައެވެ. ބޭކަރީ ހުޅުވުމާއެކު، އޭގެ މަގުބޫލުކަން އިތުރުވެ، ފިހާރަ ހުޅުވުމުގެ މާ ކުރިން ކަސްޓަމަރުން ކިއޫ ހަދަން ފަށައެވެ.

ސައުދީ އަރަބިއްޔާއަށް ބަދަލުވުމުގެ ކުރިން، މި ދެ ބައިވެރިން ވަނީ ސުވިޑަން، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ތުރުކީވިލާތުގެ އެކި ބޭކަރީތަކުގައި ތަމްރީނު ހޯދައި މަސައްކަތްކޮށްފައެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ކުރިން އެމީހުން ވަނީ ބޭކިންގްގެ އެކި އުކުޅުތަކާއި ބައިނަލްއަގުވާމީ ސަގާފަތްތައް ދަސްކޮށް، އެކަމުގައި ހުނަރުވެރިވެފައެވެ.

“އަހަރެމެންގެ މަގްސަދަކީ ވަރަށް ސާދާ ކަމެއް. އެއީ ހަމައެކަނި ތާޒާ، ގުދުރަތީ ބާވަތްތަކާއި ބޯދާ ގޮތްތައް ބޭނުންކޮށްގެން ސަވަރޑޯ (sourdough) ފާރޮށާއި ފޮނިކާތަކެތި ތައްޔާރުކުރުން،” ޔޯހަންސަން ‘އަރަބް ނިއުސް’ އަށް ކިޔައިދިނެވެ.

އެމީހުންނަށް ސުޕަރމާކެޓުން ޖާގަ ލިބުނީ މި ދާއިރާގައި މަސައްކަތްކުރާ ސައުދީ ރަހުމަތްތެރިއެއްގެ އެހީތެރިކަމާއެކުގައެވެ.

“އަމިއްލަ ތަނެއް ހުރުމަކީ ކޮންމެ ފޮނިކާތަކެތި ތައްޔާރުކުރާ މީހެއްގެވެސް ހުވަފެނެއް. އެކަމަކު އަހަރެމެން ކަންކަން ކުރީ މަޑުމަޑުން. އަލް-ކާކީ ސުޕަރމާކެޓްގެ ވެރިޔާއަކީ އަހަރެމެންގެ ރަހުމަތްތެރިއެއް. އޭނާ އަހަރެމެންނަށް ވިޔަފާރި ފެށުމަށް ކުޑަ ކޯނަރެއް ދިނީ،” ޔޯހަންސަން ބުންޏެވެ.

ސައުދީގައި ބޭކަރީއެއް ހުޅުވުމުގެ ވިސްނުން މީގެ ދެ އަހަރު ކުރިން ގެންގުޅުނު ނަމަވެސް، ފުރަތަމަ ބޭނުންވީ މާކެޓް ދިރާސާކުރަން ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ވިޔަފާރި ފަށަން ނިންމުމުން، ކުޑަކޮށް ފަށައިގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްދާން ނިންމީ ކަމަށްވެސް ބުންޏެވެ.

މީގެ ތިން މަސް ކުރިން ޖިއްދާއަށް އައި، އިސްލާމްދީން ގަބޫލުކޮށްގެން ހުރި ޔޫސުފް (ޔޯހަންސަން) އިތުރަށް ބުނިގޮތުގައި، ބޭކަރީ ހުޅުވީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ. ފުރަތަމަ ހަތަރު ދުވަހު އެއްވެސް ކަސްޓަމަރަކު ނައި ނަމަވެސް، ސައުދީ ރަހުމަތްތެރިއަކު އެމީހުންގެ ތާޒާ ސަވަރޑޯ ފާރޮށާއި ސިނަމަން ރޯލްސްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމާއެކު، އެ ވީޑިއޯ ވަރަށް ބޮޑަށް މަގުބޫލުވެގެންދިޔައެވެ. އޭގެ ފަހުން ވިޔަފާރިއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް އޭނާ ހަމްދުކުރަމުން ބުންޏެވެ.

މުގައްދަސް ދެ ހަރަމްފުޅާ ގާތުގައި، ސައުދީ އަރަބިއްޔާގައި ދިރިއުޅެން ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. “އަހަރެން އިސްލާމްވީ މީގެ 20 އަހަރު ކުރިން. ސައުދީއަށް އާދެވުނީ މީގެ ހަތަރު މަސް ކުރިން. މިތަނުގައި ހުރުމުން ލިބޭ އުފާވެރިކަން ބަހުން ބަޔާންކުރަންވެސް ނޭނގޭ، ހާއްސަކޮށް ދެ ހަރަމްފުޅާ ގާތުގައި ހުރެވޭތީ،” އޭނާ ބުންޏެވެ.

އިންޓަރނެޓްގައި އެމީހުންގެ ވީޑިއޯ މަގުބޫލުވުމާ ގުޅިގެން ‘އަރަބް ނިއުސް’ އިން އެތަނަށް ދިޔައިރު، ފިހާރަ ހުޅުވުމުގެ އެއް ގަޑިއިރު ކުރިން ކަސްޓަމަރުން ކިއޫ ހަދާފައިވާ މަންޒަރު ފެނުނެވެ.

މަސައްކަތަށް މީހުން ނެރެ ތަމްރީނު ކުރެވެންދެން، އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ހުރިހާ އެއްޗެއްވެސް ތައްޔާރުކުރަނީ އެ ދެ ބައިވެރިން އަމިއްލައަށެވެ.

“އަހަރެމެން ބޭނުންކުރާ ހުރިހާ އެއްޗެއް ގެންނަނީ ސުވިޑަން، އިނގިރޭސިވިލާތް އަދި ވިލާތުގެ އެހެން ގައުމުތަކުން. އެއީ އަސްލު ރަހަ ގެނެސްދިނުމަށް. މިސާލަކަށް، ސަވަރޑޯ ފާރޮށަށް ބޭނުންކުރަނީ ނިއުޒީލޭންޑްގެ އޯގަނިކް ބަޓަރު، އަދި ސިނަމަން ރޯލްސްއަށް ބޭނުންކުރަނީ ބެލްޖިއަމްގެ ޗޮކްލެޓް،” ޔޯހަންސަން ތަފްސީލުކޮށްދިނެވެ.

އޭނާގެ އަމާޒަކީ ވިލާތުގެ އެންމެ މޮޅު ރަހަތަކާއި ފެންވަރު ޖިއްދާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. “މިއީ ހަމައެކަނި ފައިސާ ހޯދުމަށް ކުރާ ކަމެއް ނޫން. އަހަރެމެން ބޭނުންވަނީ ރަނގަޅު ފެންވަރުގެ އުފެއްދުންތައް ހެޔޮ އަގުގައި މީހުންނަށް ފޯރުކޮށްދޭން،” އޭނާ ބުންޏެވެ.

ދިމާވި ގޮންޖެހުންތަކާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ބޭކަރީއެއް ހުޅުވުމަކީވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. “މިއީ އާ ގައުމެއް، އާ ގަވާއިދުތަކެއް، އަދި އާ ގޮންޖެހުންތަކެއް،” އޭނާ ފާހަގަކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close