ޚަބަރު

ވޯޓަށް އަހާ ސުވާލަކީ ސައްހަ ސުވާލެއް، ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރުމާ މެދު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލަ އެ ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ގާނޫނީ ވަކީލުން ކަމަށްވާ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ. އެ ބޭފުޅުން ވަކާލާތު ކުރެއްވީ، މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރުން ގާތްގަނޑަކަށް 6 މަސް ދުވަސް އުނިވާކަން ސާފުވާނޭހެން ސުވާލު ބައްޓަންކޮށްފައި ނެތުމުން، އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވާހެން ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވަނީ، ހިޔާލު ހޯދުމުގެ ވޯޓުގައި އެއް ސުވާލަކަށް ވުރެ ގިނަ ކަންކަމަށް ވޯޓަށް އެހުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ކަމަށެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ސުވާލު ބައްޓަންކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައި ނެތް ނަމަވެސް، ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނުގެ ދަށުން މިހާރު އޮތް ސުވާލަކީ ގާނޫނީ ގޮތުން ފުރިހަމަ ސުވާލެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ. އަދި މި ބަދަލުގެ ބޭނުމަކީ ދެ އިންތިޚާބު އެއްކުރުންކަން މަޖިލީހުގެ ބަހުސްތަކުން އެނގޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި މި އިސްލާހުގައިވަނީ، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028 އަށް ކުރުކުރުމަށެވެ. ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހުގެ އުމުރަށް ބަދަލު އަންނަ ނަމަ ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭތީ، ރައީސް މުއިއްޒު ވަނީ އަންނަ ހޮނިހިރު ދުވަހު މި ވޯޓު ނެގުމަށް ނިންމަވާފައެވެ. އެ ދުވަހު މި ވޯޓުގެ އިތުރުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިލެކްޝަންތައް ވެސް ކުރިއަށްދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close