ފާޑުކިޔުންތަކާއި އެކު ސްކޮލަޝިޕް ދެވޭ އުސޫލު އަލުން ބަދަލުކޮށްފި

މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕްގެ ދަށުން، ވަކި ދާއިރާތަކަކުން އެކަނި ކިޔެވޭ ގޮތަށް ކަނޑައެޅުމަށްފަހު، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެ އުސޫލު އަނެއްކާވެސް ބަދަލުކޮށްފިއެވެ.
އިއްޔެ އާންމުކުރި އުސޫލުގައި، އަންނަ އަހަރުން ފެށިގެން ކިޔެވޭނީ ހަމައެކަނި ގައުމަށް އެންމެ ބޭނުންވާ 27 ދާއިރާއަކުން ކަމަށް ބަޔާންކުރުމުން، ދަރިވަރުން ކުރާ ބުރަ މަސައްކަތުން ލިބޭ ފުރުސަތު ހަނިނުކުރުމަށް ގޮވާލައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ރޭ އާންމުކުރި އާ އުސޫލުގައި ވަނީ، ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ. ނަމަވެސް، މީގެ ކުރިން ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ކިޔެވުމުގެ ފުރުސަތު އޮތް ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ދެން ކިޔެވޭނީ ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ރައްކާތެރި ގައުމުތަކުގައެވެ. މީގެ އިތުރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މަހަކު 6،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.
ރައީސްގެ ސްކޮލަޝިޕް ޝަރުތުތަކުގެ ތެރޭގައި ދިވެހި އަދި އިސްލާމް ހިމެނޭހެން މަތީ ސާނަވީގެ ފަސް މާއްދާއިން ‘އޭ ސްޓާ’ ހޯދުމާއެކު، އޯލެވެލް އިނގިރޭސި މާއްދާއިން ‘ސީ’ ފާހަށް ވުރެ މަތީ ނަތީޖާއެއް ހޯދަންޖެހެއެވެ.


