ކައުންސިލް އިންތިޚާބު ޕީއެންސީން ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ޕީއެންސީން ރާއްޖޭގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަޒަންކުރުމަށް ސަރުކާރުން ގަވާއިދުން ދިރާސާތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ފޯނުގެ ޒަރީއާއިންނާއި ސީދާ ރައްޔިތުންނާ ބައްދަލުކޮށް ހޯދާ މަޢުލޫމާތުތަކަށް ބަލާއިރު، ގިނަ ރަށްތަކެއްގެ ތާއީދު ސަރުކާރަށް އޮތްކަން ހާމަވާ ކަމަށާއި ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިފަހަރުގެ އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ދެއްވާނެ ކަމަށް. ސީދާ ވަކި އިންސައްތައެއް ދަންނަވަން ނެތް ނަމަވެސް، އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭ،” ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން އިންތިޚާބަށް ނެރޭ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް 100 އިންސައްތަ އެއްބާރުލުން ދޭނެ ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ރަށާއި ސިޓީގެ ތަރައްގީ އިސްކޮށްގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ އިޚްލާޞްތެރި ބައެއްކަން ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ޒިންމާދާރުކަމާއެކު ހަލުވި ދުވެލީގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށާއި، އިންތިޚާބުގެ ނަތީޖާ ވެސް ފެނިގެންދާނީ އެ މަގަށް ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
