ހައި ކޯޓާއި ފެމެލީ ކޯޓަށް އިސް ބޭފުޅުން އައްޔަންކުރަން ޖޭއެސްސީން ހުޅުވާލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި، ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދީފައިވަނީ މިހާރު އެ ދެ ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށެވެ.
ޖޭއެސްސީން ނެރުނު އިއުލާނުގައިވާ ގޮތުން، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެވޭނީ އެ ކޯޓުގެ ފަނޑިޔާރުންނަށެވެ. އަދި ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ އެ ކޯޓުގެ ގާޒީންނަށެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ މަގާމަށް ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަން ކުރަން ނިންމި ނަމަވެސް، ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވިއިރު ވެސް މަގާމުގެ ރަސްމީ ލިޔުން ހަވާލުކޮށްފައެއް ނުވެ އެވެ. ޖުމްލަ 11 ފަނޑިޔާރުން ތިއްބަވާ ހައި ކޯޓު މިހާރު ވަގުތީ ގޮތުން ހިންގަވަމުން ގެންދަވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ އެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު، ހައި ކޯޓުގެ ފަނޑިޔާރަކަށް ބަދަލުވުމާ ގުޅިގެންނެވެ. މި ވަގުތު ފެމެލީ ކޯޓުގައި ހަތް ގާޒީން ތިއްބަވަ އެވެ.
މި ދެ ކޯޓަކީ ޝަރުއީ ދާއިރާގެ މުހިންމު ދެ ކޯޓު ކަމަށްވާއިރު، މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުން ކޯޓުތަކުގެ އިދާރީ ހިންގުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.


