ސައުދީ ފަންޑުން ޖިބޫޓީގައި 30 މިލިއަން ޑޮލަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް އިފުތިތާހުކޮށްފި

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޑެޕިއުޓީ ސީ.އީ.އޯ ފައިސަލް އަލް-ގަހްތާނީ، ޖިބޫޓީގައި އަލަށް ފެށި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި މަޝްރޫއަކީ ސައުދީ ފަންޑާއި ޖިބޫޓީއާ ދެމެދު އޮންނަ ޒަމާންވީ ތަރައްގީގެ ގުޅުމުގެ ދަށުން، 30 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ޖިބޫޓީގެ ރައީސް އިސްމާއިލް އުމަރު ގުއޭލޭ އެވެ. މި ރަސްމިއްޔާތުގައި އެ ގައުމުގެ މިނިސްޓަރ އޮފް ސިޓީ، އާބަން ޕްލޭނިންގ އެންޑް ހައުސިންގ އާމިނާ އަބްދީ އަދަން އާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޖިބޫޓީގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. މިގޮތުން ޖުމްލަ 520 ބޯހިޔާވަހިކަމުގެ ޔުނިޓް ބިނާކޮށް، ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރެވޭނެއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން އިޖުތިމާއީ މަރުކަޒުތަކާއި، ސިއްހީ، މުނިފޫހިފިލުވުމުގެ އަދި ތައުލީމީ ހިދުމަތްތަކުގެ އިތުރުން، މަގުތަކާއި ކަރަންޓާއި ފެނުގެ ނިޒާމު ފަދަ އަސާސީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެސް.ޕީ.އޭ އިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އާމްދަނީ ދަށް 2,600 އަށްވުރެ ގިނަ ރައްޔިތުންނަށް ސީދާ ގޮތެއްގައި މަންފާ ކުރާނެއެވެ.
ސައުދީ އަރަބިއްޔާ އާއި ޖިބޫޓީއާ ދެމެދު އޮންނަ ތަރައްގީގެ ގުޅުމަށް މިހާރު 45 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ސައުދީ ފަންޑުން ވަނީ ލުއި ލޯނުގެ ގޮތުގައި 305 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދީގެން 14 ތަރައްގީގެ މަޝްރޫއެއް ހިންގާފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ހަތް މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ޖިބޫޓީގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް ބޮޑެތި އެހީތެރިކަމެއް ލިބިފައިވެއެވެ.
