ޚަބަރު

އިންވެސްޓަރުންނަށް ޚާއްސަ ‘ޕާލް ރެސިޑެންސީ ވިސާ’ އަންނަ އޭޕްރިލް މަހު ތައާރަފްކުރަނީ

ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ދޫކުރާ ‘ޕާލް ރެސިޑެންސީ ވިސާ’ އަންނަ އޭޕްރިލް މަހުގެ ތެރޭގައި ތައާރަފްކޮށް ދޫކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އިއުލާނު ކުރައްވައިފިއެވެ.

މި ޕްރޮގްރާމަކީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާ ގުޅިގެން، ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާއަށް އާ އިންވެސްޓްމަންޓްތައް ބޭރުން ގެނައުމަށް ފަށާ މުހިންމު މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ވިސާއަކީ ދުބާއީގެ ‘ގޯލްޑަން ވިސާ’ އާ އެއްފަދަ، ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެ ވަރުގަދަ ބްރޭންޑަކަށް ވާނެ ކަމަށެވެ. މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން މިހާރު ކުރިއަށްދާއިރު، މީގެ ސަބަބުން ރާއްޖޭގައި ގިނަ ދުވަހު މަޑުކޮށްލައިގެން ތިބެން ބޭނުންވާ ބޮޑެތި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ‘ރިމޯޓް ވޯކިން ވިސާ’ އާއި ‘ކޮންޓެންޓް ކްރިއޭޓާ ވިސާ’ ތައާރަފްކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކަކީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close