ބޭރުދުނިޔެ

ހަމަލާތައް މެދުކަނޑާލުމާއިއެކު ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ އިންޖީނުގެތަކަށާއި ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދޭން ނިންމާފައިވާ އަސްކަރީ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އަމުރުކުރެއްވުމާ ގުޅިގެން، ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 13 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ހިނގައްޖެއެވެ.

ޓްރަމްޕް މި ނިންމެވުން ނިންމަވާފައިވަނީ، އެމެރިކާއިން އީރާނުގެ ކަރަންޓު ވިއުގައަށް އަމާޒުކޮށް ހަމަލާދީފިނަމަ، އިސްރާއީލުގެ އިންޖީނުގެތަކަށާއި ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަރަންޓު ފޯރުކޮށްދޭ ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފައިވަނިކޮށެވެ.

އަގުތަކަށް އައި ކުއްލި ބަދަލާއެކު، ސައުދީ ގަޑިން މެންދުރުފަހު 2:24 ހާއިރު ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ހުރީ 100 ޑޮލަރުގައެވެ. މިއީ ކުރީގެ އަގަށްވުރެ 10.28 އިންސައްތަ ނުވަތަ 11.53 ޑޮލަރުގެ ހެޔޮވުމެކެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް ތެޔޮ ފީފާއެއްގެ އަގު 10.68 އިންސައްތަ ނުވަތަ 9.42 ޑޮލަރު ދަށަށް ގޮސް، ހުރީ 88.36 ޑޮލަރުގައެވެ.

ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ވާހަކަދެއްކެވިތާ އެއްދުވަސް ނުވަނީސް، ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާނުލައިފިނަމަ އީރާނުގެ އިންޖީނުގެތައް “ފުނޑުފުނޑުކޮށްލާނެ” ކަމުގެ އިންޒާރު ދެއްވާފައެވެ. މި ހަނގުރާމައަށް މިހާރު ހަތަރު ހަފުތާ ވެއްޖެއެވެ.

ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މިހާރު ކުރިއަށްދާ ބައްދަލުވުންތަކާއި މަޝްވަރާތަކުގެ ނަތީޖާއަށް ބަލައި، ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށް އީރާނުގެ އިންޖީނުގެތަކަށާއި ހަކަތައިގެ ވަސީލަތްތަކަށް ދޭން ނިންމާފައިވާ ހުރިހާ އަސްކަރީ ހަމަލާތަކެއް މަޑުޖައްސާލުމަށް ވޯ ޑިޕާޓްމަންޓަށް އަމުރުކުރައްވާފައިވާ ކަމަށެވެ.

މި އިޢުލާނުގެ ކުރިން، އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އެކްސްގައި ވިދާޅުވީ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާދީފިނަމަ މެދުއިރުމަތީގެ މުހިންމު އިންފްރާސްޓްރަކްޗަރާއި ހަކަތައިގެ ވަސީލަތްތަކަށް އަލުން އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

“އެނާޖީ އެސްޕެކްޓްސް” ގެ ބާނީ އަމްރީތާ ސެން ވިދާޅުވި ގޮތުގައި، މިއީ މަސްރަޙު އިތުރަށް ގޯސްވެ، ތެލުގެ އަގު އުފުލިގެންދާނެ ކަމުގެ ނިޝާނެކެވެ. ބައެއް ފަރާތްތަކުން އީރާނުން ދޫދޭނެ ކަމަށް ހީކުރި ނަމަވެސް، ޓްރަމްޕް މަސައްކަތް ކުރައްވަނީ އޭނާއަށް މާ ވަރުގަދައަށް ކުރިމަތިލެވިދާނެކަން ދެއްކުމަށެވެ. މީގެ ނަތީޖާއަކީ ގަލްފް ސަރަހައްދުގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ އެގްޒެކެޓިވް ޑައިރެކްޓަރު ފާތިހް ބީރޯލް ހޯމަ ދުވަހު ވިދާޅުވީ، މެދުއިރުމަތީގެ މި ކާރިސާއަކީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށާއި، މިއީ 1970 ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ދެ ބޮޑު ކާރިސާއަށްވުރެ ވެސް ސީރިއަސް ހާލަތެއް ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ގަލްފުގެ ހަކަތަ އުފައްދާ މުހިންމު ތަންތަނަށް ގެއްލުން ލިބިފައިވާއިރު، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުތައް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މެދުއިރުމަތީގެ ތެޔޮ އުފެއްދުމުން ދުވާލަކު 7 މިލިއަނާއި 10 މިލިއަނާ ދެމެދުގެ އަދަދަކަށް ފީފާ ވަނީ މަދުވެފައެވެ.

އިރާގުގެ ތެޔޮ މިނިސްޓަރު ހަޔާން އަބްދުލްޣަނީ ވިދާޅުވި ގޮތުގައި، ބަސްރާ އޮއިލް ކޮމްޕެނީގެ ތެޔޮ އުފެއްދުން ދުވާލަކު 3.3 މިލިއަން ފީފާއިން 900,000 ފީފާއަށް ވަނީ ދަށަށް ގޮސްފައެވެ. އަދި ބޭރުގެ ކުންފުނިތަކުން ހިންގާ ހުރިހާ ތެޔޮ ބިންތަކަކުން ތެޔޮ ނެގުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އިރާގުން ވަނީ އިއުލާނުކޮށްފައެވެ.

މީގެ އިތުރުން، އިންޑިއާގެ ތެޔޮ ސާފުކުރާ ކުންފުނިތަކުން އަލުން އީރާނުގެ ތެޔޮ ގަންނަން ފެށުމަށް ރާވަމުންދާއިރު، އޭޝިއާގެ އެހެން ގައުމުތަކުން ވެސް އެފަދަ ފުރުސަތުތަކަށް ބަލަމުންދާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ތަޖުރިބާކާރު ހަރީ ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ވާހަކަތަކުން ދޭހަވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އޭނާ ބޭނުންފުޅުވާ ކަމެވެ. ނަމަވެސް، އަވަށްޓެރި ގައުމުތަކަށް ބަދަލުހިފުމުގެ ހަމަލާ ދިނުމުގެ ގާބިލްކަން އީރާނުގައި ހުރިހާ ހިނދަކު، އެގައުމުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް ބުނެދޭ އިންޒާރުތަކުގެ ނަތީޖާ ފެންނާނެ މިންވަރެއް އަދި ސާފެއް ނޫނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close