އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަލިފާން ރޯވެ 10 މީހުން މަރުވެއްޖެ

އިންޑިއާގެ އިރުމަތީ އޮޑީޝާ ސްޓޭޓްގެ ސަރުކާރު ހޮސްޕިޓަލެއްގެ ޓްރޯމާ ކެއާ ޔުނިޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ކަޓަކް ސިޓީގައި ހުންނަ އެސް.ސީ.ބީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ފުރަތަމަ ބުރީގައެވެ. އޮޑީޝާގެ ޗީފް މިނިސްޓަރު މޯހަން ޗަރަން މާޖީ ވިދާޅުވި ގޮތުގައި، މި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
ބަލިމީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރި ހޮސްޕިޓަލްގެ 11 މުވައްޒަފަކު ވަނީ މި ހާދިސާގައި ފިހިފައެވެ. ޗީފް މިނިސްޓަރު ވިދާޅުވީ މެޑިކަލް ސްޓާފުންނާއި ސެކިއުރިޓީ ބޭފުޅުން ބަލިމީހުން ސަލާމަތްކުރުމަށް ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯވިއިރު އެ ޔުނިޓުގައި 23 ބަލިމީހުން ފަރުވާ ހޯދަމުން ދިޔައެވެ. މަރުވި 10 މީހުންނަކީ އަލިފާނުގެ ސަބަބުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ ތެރޭގައި މަރުވި މީހުންނެވެ. މީގެ އިތުރުން 5 މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރާކަމަށް ބުނެ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އަސަރުކުރި އާއިލާތަކަށް 2,160 އެމެރިކާ ޑޮލަރުގެ މާލީ އެހީ ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޖުޑީޝަލް އިންކުއަރީއެއް ހިންގުމަށް ޗީފް މިނިސްޓަރު ވަނީ އަމުރުކުރައްވާފައެވެ.
އިންޑިއާގައި ވަޔަރިންގް ރަނގަޅަށް ނުބެލެހެއްޓުމާއި ސަލާމަތީ މިންގަނޑުތަކަށް އިހުމާލުވުމުގެ ސަބަބުން މިފަދަ އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. މީގެ ކުރިން 2024 ވަނަ އަހަރުވެސް އިންޑިއާގެ އެކި ހޮސްޕިޓަލްތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ.



