ޑިއޭގޯ ގާސިއާއަށް މިސައިލް ހަމަލާއެއް ނުދެން: އީރާން

ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފައިނުވާނެ ކަމަށް ބުނެ، އެ ގައުމުން އެކަން ރަސްމީކޮށް ދޮގުކޮށްފިއެވެ.
އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ “ވޯލް ސްޓްރީޓް ޖާނަލް” އިން އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުން، އީރާނުން ވަނީ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ދެ މިސައިލެއް ފޮނުވާލާފައެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެއް މިސައިލް ދަތުރުކުރަމުން ދަނިކޮށް މައްސަލައެއް ދިމާވެގެން ވެއްޓުނުއިރު، ދެވަނަ މިސައިލް ވަނީ އެމެރިކާގެ މަނަވަރަކުން އިންޓަސެޕްޓްކޮށް ވައްޓާލާފައެވެ.
ނަމަވެސް، މި ޚަބަރާ ގުޅިގެން އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ‘އަލްޖަޒީރާ’ އަށް މައުލޫމާތު ދެއްވަމުން ވަނީ، އެފަދަ އެއްވެސް ހަމަލާއެއް އެ މަރުކަޒަށް ދީފައިނުވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތުން ވަނީ އީރާނުން ދިން ކަމަށް ތުހުމަތުކުރެވޭ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަސްކަރީ ތަޖުރިބާކާރުން މީގެ ކުރިން ލަފާކޮށްފައިވާ ގޮތުގައި، އީރާނުގައި ހުރި މިސައިލްތަކުގެ ދުރުމިނުގެ ރާސްތާއަކީ ގާތްގަނޑަކަށް 2،000 ކިލޯމީޓަރެވެ. އެހެންކަމުން، އީރާނާ 4،000 ކިލޯމީޓަރު ދުރުގައި އޮންނަ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނަށް ހަމަލާއެއް ދެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ޗާގޯސް ޖަޒީރާގައި ހިމެނޭ ޑިއޭގޯ ގާސިއާއަކީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ އަތޮޅާ 700 އެއްހާ ކިލޯމީޓަރު ދުރުގައި އޮންނަ، އެމެރިކާއިން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒެވެ.




