ބޭރުދުނިޔެ

އީރާނުން ޖަޕާނުގެ އުޅަނދުފަހަރަށް ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަދެނީ

ކިޔޯޑޯ ނިއުސްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ޖަޕާނުގެ އުޅަނދުފަހަރަށް ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ތައްޔާރުވަމުންދާކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ މި ކަނޑުއޮޅި، ޖަޕާނާ ގުޅުންހުރި އުޅަނދުފަހަރަށް ހުޅުވާލުމާ ގުޅޭގޮތުން ތެހެރާނުން ޓޯކިޔޯއާއެކު މަޝްވަރާތައް ފަށާފައިވާކަމަށް، ހުކުރު ދުވަހު ފޯނުން ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވިއެވެ.

މި ރިޕޯޓާ ގުޅޭގޮތުން ރޮއިޓާސްއިން މައުލޫމާތު ހޯދުމަށް ހޮނިހިރު ދުވަހު ޖަޕާނުގެ ފޮރިން މިނިސްޓްރީއާއި، ޓްރޭޑް މިނިސްޓްރީ އަދި ބޮޑުވަޒީރުގެ އޮފީހަށް ގުޅުމުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ޖަޕާނަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ އެތެރެކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. ނަމަވެސް، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އީރާނުން ވަނީ މި ކަނޑުއޮޅި ބޮޑުބައެއް ބަންދުކޮށްފައެވެ. ހަތަރު ވަނަ ހަފުތާއަކަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، ޖަޕާނާއި އެހެނިހެން ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ރިޒާވުން ތެޔޮ ބޭނުންކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީއާ ބައްދަލުކުރައްވައި، ކަނޑުއޮޅި ހުޅުވުމަށް އެހީތެރިވުމަށް ހަނގުރާމަމަތީ އުޅަނދުފަހަރު ފޮނުވުމަށް ވަނީ ބާރުއަޅުއްވާފައެވެ. ނަމަވެސް، އިއްތިހާދީ ގައުމުތަކުން މިކަމަށް އަދި އެއްބަސްވެފައެއް ނުވެއެވެ.

ވޮޝިންޓަން ސަމިޓަށްފަހު ޓަކައިޗީ ނޫސްވެރިންނަށް ވިދާޅުވީ، ޖަޕާނުގެ ގާނޫނުތައް ތަންދޭ މިންވަރުން ކަނޑުއޮޅީގެ ސަލާމަތަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ޓްރަމްޕަށް މައުލޫމާތު ދެއްވާފައިވާނެ ކަމަށެވެ.

ދެވަނަ ބޮޑުހަނގުރާމައަށްފަހު އެކުލަވާލި ޖަޕާނުގެ ގާނޫނުއަސާސީގެ ދަށުން އަސްކަރީ ހަރަކާތްތައް ހިންގުމަށް ހުރަސްތަކެއް ހުރި ނަމަވެސް، 2015 ވަނަ އަހަރު ފާސްކުރި ސަލާމަތީ ގާނޫނުގެ ދަށުން، ޖަޕާނުގެ ދެމިއޮތުމަށް ނުރައްކާވާ ފަދަ ހަމަލާއެއް ކުރިމަތިވެއްޖެނަމަ ނުވަތަ ގާތް ބައިވެރިއަކަށް ހަމަލާއެއް އަތުވެއްޖެނަމަ، އަދި އެކަން ހައްލުކުރާނެ އެހެން މަގެއް ނެތްނަމަ، ގައުމުން ބޭރުގައި ބާރުގެ ބޭނުންކުރުމުގެ ހުއްދަ ލިބިގެންވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close