މަސްރަހު ގޯސްވުމުގެ ސަބަބުން ފައިނަލިސިމާ މެޗު ކެންސަލްކޮށްފި

ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ބައްދަލުކުރަން އޮތް “ފައިނަލިސިމާ” މެޗު، ގަތަރުގެ ދޯހާގައި ނުކުޅެވޭނެކަން ކަށަވަރުވެ މެޗު ކެންސަލްކޮށްފިއެވެ.
މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި މި މެޗު ފުރަތަމަ ފަސްކުރަން ނިންމީ، އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާދީ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާތީއެވެ.
މި މެޗު އެހެން ގައުމެއްގައި ބޭއްވުމަށް ޔުއެފާ އާއި ކޮންމެބޯލްއިން ކުރި މަސައްކަތްތަކަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ. ސްޕެއިންގެ މެޑްރިޑްގައި ނުވަތަ އިޓަލީގައި މެޗު ކުޅުމަށް ހުށަހެޅުނު ނަމަވެސް، ދެ ފެޑެރޭޝަނާއި ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުނެވެ. އަދި އެމެރިކާގެ މިއާމީގައި މެޗު ބޭއްވުމަށް ލިބުނު ހުށަހަޅުމަށްވެސް އެއްވެސް ބައެއްގެ ތާއީދެއް ނުލިބުނެވެ.
އާޖެންޓީނާއިން މިހާރު ހުށަހަޅާފައިވަނީ މިއަހަރުގެ ވޯލްޑް ކަޕަށްފަހު މެޗު ކުޅުމަށެވެ. 2022 ވަނަ އަހަރުގެ ފައިނަލިސިމާ ކާމިޔާބުކުރި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާނެ އައު ތާރީޚެއް ހޯދުމަށް ސްޕެއިންގެ ފެޑެރޭޝަނުން މިހާރު ދަނީ ޔުއެފާއާއެކު މަޝްވަރާކުރަމުންނެވެ. މި މެޗަކީ ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ތާރީޚީ މުހިއްމު ކުރިމަތިލުމެކެވެ.

