ބޭރުދުނިޔެ

ޖަޕާނުން ރައްކާކޮށްފައި ހުރި ތެޔޮ ބާޒާރަށް ނެރެނީ

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތައް ކުޑަކުރުމުގެ ގޮތުން، ޖަޕާނުން ރައްކާކޮށްފައިވާ ތެލުގެ ރިޒާވުން ބައެއް އަންނަ މާރިޗު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބާޒާރަށް ނެރުމަށް އެ ގައުމުން ނިންމައިފިއެވެ. މިއީ މީގެ ބައިގަރުނު ކުރިން ކުރިމަތިވި ތެލުގެ ތަދުގެ ސަބަބުން ޖަޕާނުން ތެޔޮ ރައްކާކުރަން ފެށި ފަހުން، އެކަމުގެ ސީރިއަސްކަން ހާމަވެގެންދާ ދަނޑިވަޅެކެވެ.

ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެ، ޖަޕާނުގައި ތެލުގެ އަގު އުފުލެން ފެށުމާ ގުޅިގެން، އެ ގައުމުން ވަނީ ރެކޯޑް މިންވަރެއް ކަމަށްވާ 80 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް އިގުރާރުވެފައެވެ. މިއީ އެ ގައުމަށް ގާތްގަނޑަކަށް 45 ދުވަހަށް ބޭނުންވާނެ ތެލުގެ މިންވަރެވެ.

ޖަޕާނު ސަރުކާރުން ވަނީ އެ ގައުމުގެ ތެޔޮ ސާފުކުރާ ކުންފުނިތަކަށް މި ތެޔޮ ބޭނުންކުރުމަށް އަންގާފައެވެ. މީގެ ސަބަބުން އެ ގައުމުގެ ގައުމީ ރިޒާވުން 17 އިންސައްތަ މަދުވާނެއެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ހަކަތައާ ބެހޭ އިދާރާ (IEA) އިން ދުނިޔޭގެ ބާޒާރަށް ނެރުމަށް ނިންމާފައިވާ 400 މިލިއަން ފީފާ ތެލުގެ ތެރެއިން ޖަޕާނުން ހިއްސާކުރާނެ ސީދާ މިންވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިޒާވްގެ ސަބަބުން ސަޕްލައި ހިފެހެއްޓުނަސް އެއީ ވަގުތީ ހައްލެއް

ޓޯކިޔޯގެ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ “ޔޫރީ ގްރޫޕް” ގެ ސީ.އީ.އޯ ޔޫރީ ހަމްބާ ވިދާޅުވި ގޮތުގައި، ޖަޕާނުގެ މި ނިންމުމުން މި މައްސަލައަށް އެ ގައުމުން ދޭ ސަމާލުކަން ވަރަށް ބޮޑަށް ހާމަވެއެވެ. “ރިޒާވްގައި ހުރި ތެޔޮ ބޭނުންކުރުމުން ކުރު މުއްދަތަކަށް އަގުތައް ހިފެހެއްޓި، ސަޕްލައިއަށް އެހީތެރިވެދޭނެ. ނަމަވެސް މިއީ ހަމައެކަނި ވަގުތު ހޯދުމެއް. ހޮރްމުޒް ކަނޑުއޮޅި ގިނަ ދުވަސްތަކަކަށް ބަންދުވެއްޖެނަމަ، މި ރިޒާވުން އެކަނި މުޅި މައްސަލައެއް ހައްލެއް ނުވާނެ،” އޭނާ ވިދާޅުވިއެވެ.

ޖަޕާނުގެ އިގްތިސާދާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ އަދި ކުވެއިތުން ޖަޕާނުގައި ރައްކާކޮށްފައިވާ 12 މިލިއަން ފީފާ ތެލުގެ ތެރެއިން ބައެއް ބޭނުންކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޖަޕާނުން ތެޔޮ ރައްކާކުރާ ނިޒާމު ގާއިމުކުރީ 1978 ވަނަ އަހަރު، އަރަބި ގައުމުތަކުން ތެޔޮ ބޭރުކުރުން ހުއްޓާލި ދުވަސްވަރާ ގުޅިގެންނެވެ. ޖަޕާނަކީ ބޭނުންވާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ މެދުއިރުމަތީގެ ގައުމުތަކުން ހޯދާ ގައުމެކެވެ. މިހާރު އެ ގައުމުގައި 254 ދުވަހަށް ފުދޭވަރަށް ތެޔޮ ރައްކާކޮށްފައިވެއެވެ.

އިގްތިސާދީ ވަޒީރު ރިއޮސެއި އަކަޒާވާ ވިދާޅުވީ، އަމިއްލަ ކުންފުނިތަކުން ރައްކާކޮށްފައި ހުރި ތެޔޮ ބޭނުންކުރަން ފަށާއިރު، ހޮރްމުޒް ކަނޑުއޮޅި ނޫން މަގުތަކުން ތެޔޮ ލިބޭނެ ގޮތްތައް ހޯދުމަށް އެމެރިކާ، މެދުތެރޭ އޭޝިއާ އަދި ދެކުނު އެމެރިކާގެ ގައުމުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރުމާ ގުޅިގެން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލި ފަހުން، ޖަޕާނަށް ބޭނުންވާ ތެލުގެ 4 އިންސައްތަ ހޯދަނީ އެމެރިކާއިންނެވެ.

އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އެޑްމިނިސްޓްރޭޓަރ ލީ ޒެލްޑިން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ބަލާއިރު، އެމެރިކާއިން ތެޔޮ ހޯދުމަކީ ރައްކާތެރި އަދި އިތުބާރު ހުރި ގޮތެއް ކަމަށެވެ. އަދި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ބޭނުންވާ ވަސީލަތްތައް އެމެރިކާގައި އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close