ބޭރުދުނިޔެ

އަމްސްޓަޑަމްގައި ހުންނަ ޔަހޫދީ ސްކޫލަކަށް ބޮމުގެ ހަމަލާއެއްދީ ގެއްލުންތަކެއް ދީފި

ނެދަލޭންޑްސްގެ އަމްސްޓަޑަމްގައި ހުންނަ ޔަހޫދީ ސްކޫލަކަށް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން ބޮމުގެ ހަމަލާއެއްގައި އެ ތަނަށް ކުދިކުދި ގެއްލުންތަކެއް ވެއްޖެއެވެ. އެ ސިޓީގެ މޭޔަރު މި ހާދިސާ ސިފަކުރެއްވީ “ޔަހޫދީންނަށް އަމާޒުކޮށް ގަސްތުގައި ދީފައިވާ ހަމަލާއެއް” ގެ ގޮތުގައެވެ.

އަމްސްޓަޑަމްގެ ދެކުނު ފަރާތުގެ މުއްސަނދި އަވަށްޓަރެއްގައި ހުންނަ މި ސްކޫލަށް ދިން ހަމަލާގައި ފެން ހިންދާ ހޮޅިއަކަށް ގެއްލުންވެ، ބޭރު ފާރުގެ ބައެއް އަނދާފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މޭޔަރު ފެމްކޭ ހަލްސެމާ ވިދާޅުވި ގޮތުގައި މި ހާދިސާ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. އަދި މީގެ ސަބަބުން ޔަހޫދީ މުއައްސަސާތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއީ ޔަހޫދީންނާ ދެކޮޅަށް ހިންގި ފިނޑި އަމަލެއް،” ހަލްސެމާ ވިދާޅުވިއެވެ. “އަމްސްޓަޑަމްގައި ދިރިއުޅޭ ޔަހޫދީންނަށް ކުރިމަތިވާ ނަފުރަތުގެ އަމަލުތައް ދަނީ އިތުރުވަމުން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން.”

މި ސްކޫލަކީ ނެދަލޭންޑްސްގައި ހުންނަ އޮތޮޑޮކްސް ޔަހޫދީންނަށް ހާއްސަ ހަމައެކަނި ސްކޫލެވެ. ކުރިން ލިބިފައިވާ އިންޒާރުތަކާ ގުޅިގެން މި ސްކޫލްގެ ވަށައިގެން ވަނީ ދަގަނޑު ފެންސު ޖަހައި ރައްކާތެރިކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ރޮޓަޑަމްގެ ސިޓީ ސެންޓަރުގައި ހުންނަ ސިނަގޮގަކަށް (ޔަހޫދީ ފައްޅިއަކަށް) ދިން ހަމަލާއަކާ ގުޅިގެން، ވެރިރަށް އަމްސްޓަޑަމްގައި ހުންނަ ޔަހޫދީ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން މިހާރު ވެސް އޮތީ ވަރުގަދަކޮށްފައެވެ. އަދި މިދިޔަ ހޯމަ ދުވަހު އަވަށްޓެރި ބެލްޖިއަމްގެ ލީޖްގައި ހުންނަ ސިނަގޮގަކަށް ދިން ބޮމުގެ ހަމަލާއެއްގައި އެތަނުގައި އަލިފާން ރޯވެފައިވެއެވެ.

ނެދަލޭންޑްސްގެ ބޮޑުވަޒީރު ރޮބް ޖެޓެން މި ހަމަލާ ސިފަކުރެއްވީ “ބިރުވެރި” އަމަލެއްގެ ގޮތުގައެވެ. އަދި މީގެ ސަބަބުން ޔަހޫދީންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ޔަހޫދީ މުއައްސަސާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔަހޫދީންނަށް އަމާޒުކޮށް ދީފާނެ ހަމަލާތަކެއްގެ ބިރު ބޮޑުވެފައި މިވަނީ، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ދިން ހަމަލާތަކާ ގުޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close