ބޭރުދުނިޔެ

ހޯރްމޫޒު ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުފަހަރަށް ހިމާޔަތް ދެވޭކަށް ނެތް – އެމެރިކާ

ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުފަހަރަށް ހިމާޔަތްދީގެން ދަތުރުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އަދި އޮތީ “ތައްޔާރަށް ނޫން” ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ. އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ސީ.އެން.ބީ.ސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިހާރު ބާޒާރަށް ކުރިމަތިވެފައިވަނީ ކުރު މުއްދަތުގެ ހުރަސްތަކެއް ކަމަށާއި، މި ހަނގުރާމަ ދެމިގެންދާނީ މަސްތަކަކަށް ނޫން ކަމަށާއި ހަފުތާތަކަކަށް ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ޓްރަމްޕް ތަކުރާރުކޮށް އިންޒާރު ދެއްވަމުން ގެންދެވި ނަމަވެސް، ގަލްފުގެ ގައުމުތަކާއި އިންޑިއާ ކަނޑު ގުޅުވައިދޭ މި ކަނޑުއޮޅި ބަންދުކުރުމުގައި އީރާނުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މި ހާލަތާ ގުޅޭގޮތުން ރައިޓް ވިދާޅުވީ މިއީ “ދާއިމީ ފައިދާއަކަށްޓަކައި އުފުލަންޖެހޭ ކުރު މުއްދަތުގެ ތަކުލީފެއް” ކަމަށެވެ. އަދި ހަކަތައިގެ ބާޒާރަށް ނުރައްކާކުރުމަށް އީރާނަށް އޮތް ގާބިލުކަން އެމެރިކާއިން “ނައްތާލަމުން” ދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގަލްފް ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އެމެރިކާގެ ކަނޑުގެ ސިފައިން ހިމާޔަތް ދޭނެ ކަމަށް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވި ނަމަވެސް، ރައިޓް ވިދާޅުވީ އެކަން މިވަގުތު ކުރެވެން ނެތް ކަމަށެވެ.

“އަޅުގަނޑުމެން އަދި މިކަމަށް ތައްޔާރެއް ނޫން. މިވަގުތު އަސްކަރިއްޔާގެ ހުރިހާ ވަސީލަތްތަކެއް އަމާޒުކުރެވިފައިވަނީ އީރާނުގެ ހަމަލާދިނުމުގެ ގާބިލުކަމާއި، އެކަމަށް ބޭނުންވާ ސާމާނު އުފައްދާ ފެކްޓްރީތައް ސުންނާފަތިކޮށްލުމަށް،” އެނާޖީ ސެކްރެޓަރީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބޭނުންވަނީ އަހަރަކަށް ނުވަތަ ދެ އަހަރަކަށް މިކަން ހުއްޓުވާލުން ނޫން ކަމަށާއި، އީރާނުން މިސައިލް އުފެއްދުމާއި، އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި، ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ދާއިމީކޮށް ނައްތާލުމަށް ކަމަށެވެ.

ރައިޓް މިހެން ވިދާޅުވެފައިވަނީ، އަވަހާރަކޮށްލެވުނު އަލީ ޚާމަނާއީގެ ފަހުން އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އައްޔަންކުރެވުނު މުޖްތަބާ ޚާމަނާއީ ދެއްވި ފުރަތަމަ ރަސްމީ ބަޔާނުގައި، ހަނގުރާމަ ނިމެންދެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަށް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close