ބޭރުދުނިޔެ

މުސްލިމް ބްރަދަހޫޑަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ނިންމި ނިންމުމަށް ސައުދީ އިން މަރުޙަބާ ކިޔައިފި

ސޫދާނުގެ މުސްލިމް ބްރަދަހޫޑަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ކަނޑައެޅި ނިންމުމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން މަރުހަބާ ވިދާޅުވެއްޖެއެވެ.

ސައުދީ ހާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ނިންމުމަށް ތާއީދު ކުރައްވާކަން މިނިސްޓަރު ހާމަކުރެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ފޯނު ކޯލުގައި ޕްރިންސް ފައިސަލް ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމާއި ސަލާމަތްތެރިކަން ވަރުގަދަ ކުރުމަށްޓަކައި ވޮޝިންގޓަނުން އަޅަމުންދާ ފިޔަވަޅުތަކަށް ސައުދީން ތާއީދުކުރާ ކަމަށެވެ.

މާޗް 9 ވަނަ ދުވަހު ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސޫދާނުގެ މުސްލިމް ބްރަދަހޫޑަކީ “ޚާއްސަކޮށް ފާހަގަކުރެވޭ ދުނިޔޭގެ ޓެރަރިސްޓް ޖަމާއަތެއް” (Specially Designated Global Terrorist) ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި 16 މާޗް 2026 އިން ފެށިގެން އެ ޖަމާއަތަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށް ގަސްދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި ރޫބިއޯ ތުހުމަތު ކުރެއްވި ގޮތުގައި، ސޫދާނުގެ މުސްލިމް ބްރަދަހޫޑުން ދަނީ އާންމުންނާ ދެކޮޅަށް ހައްދެއް ނެތް އަނިޔާވެރި އަމަލުތައް ހިންގަމުންނެވެ. އެއީ ސޫދާނުގެ ދާހިލީ ހަމަނުޖެހުންތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއަޅައި، އެބައިމީހުންގެ ހަރުކަށި ފިކުރު ފެތުރުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރެއިން ގިނަ ބަޔަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ފަރާތުން ތަމްރީނާއި އެހީތެރިކަން ލިބިގެން، އާންމުން ގިނަ އަދަދަކަށް މަރަމުންދާ ބައެއް،” ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ސޫދާނުގެ ދާހިލީ ހަނގުރާމައިގައި އަދާކުރާ ދައުރަށްޓަކައި، މުސްލިމް ބްރަދަހޫޑްގެ “އަލް-ބަރާ ބިން މާލިކް ބްރިގޭޑް” އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަނޑައަޅާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close