ޚަބަރު

ރަށްރަށުގެ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްރަށުގައި ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންކުރާ އެމްބިއުލަންސްތަކާއި އެހެނިހެން ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޕީއެލްއާ ހަވާލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި އެ ކުންފުންޏާ ދެމެދު އިއްޔެ ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުޢީނެވެ.

އެމްޕީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރޭގެ ޞިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެމްބިއުލަންސްތައް މަރާމާތުކުރުމާއި، ގަވާއިދުން ސާވިސްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ. މިއީ ރަށްރަށުގެ ސިއްހީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އުޅަނދުފަހަރުގެ ފެންވަރު ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް

އެމްބިއުލަންސްތައް މަރާމާތުކުރުން އެމްޕީއެލާ ހަވާލުކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުންޏާ ހަވާލުކޮށްގެން ރާއްޖެ ގެނައި 56 އެމްބިއުލާންސް މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ. ޖުމްލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި މި އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގެ އެކި ރަށްތަކުގެ ސިއްހީ ޚިދުމަތް ހަރުދަނާކޮށް، ބަލިމީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެނައި އުޅަނދުތަކެކެވެ.

މި އައު އެއްބަސްވުމުގެ ސަބަބުން، ރަށްރަށުގެ އެމްބިއުލަންސްތަކަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކޮށް، ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން އުންމީދު ކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close