ލައިލަތުލްޤަދުރި ވިލޭރެއަށް މަތިވެރިކަން ލިބިގެންވަނީ ކީއްވެ؟

ހުރިހާ ޙަމްދެއްވަނީ ﷲ އަށެވެ. އަދި ﷲގެ ރަސޫލާއަށް ސަލާމާއި ޞަލަވާތް ލައްވާށިއެވެ.
ލައިލަތުލްޤަދުރި ވިލޭރޭގެ މަތިވެރިކަމާއި ޝަރަފުވެރިކަން ގުޅިފައިވަނީ އެ ރޭގެ އަމިއްލަ ޒާތުގައި އެކުލެވިގެންވާ މާތްކަމާއި، އަދި ﷲ ތަޢާލާ އެ ރެއަށް ޚާއްޞަކުރައްވާފައިވާ މަތިވެރި ސިފަތަކާއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކީރިތި ޤުރުއާން އެންމެ ފުރަތަމަ ބާވައިލެއްވުނީ މި ބަރަކާތްތެރި ރޭގައި ކަމަށްވުމެވެ.
ލައިލަތުލްޤަދުރި ވިލޭރޭގެ މާތްކަން އެ ރޭގެ ޒާތުގައި އެކުލެވިގެންވާކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: {ލައިލަތުލްޤަދުރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.} (އަލްޤަދުރި: 3). އެހެންކަމުން، އެ ރޭގައި ކުރެވޭ އަޅުކަމުގެ ހެޔޮކަން، އެހެން އެއްހާސް މަސްދުވަހު ކުރެވޭ އަޅުކަމަށްވުރެ އިތުރުވެގެންވެއެވެ.
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: {ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ބަރަކާތްތެރި ރެއެއްގައެވެ.} (އައްދުޚާން: 3). މި އާޔަތުން އެނގެނީ މި ރޭގެ މަތިވެރިކަން ދެގޮތަކުން އެކުލެވިގެންވާ ކަމެވެ. އެއީ އެ ރޭގެ ޒާތުގައިވާ މަތިވެރިކަމާއި، އެ ރެއަށް ޚާއްޞަކުރައްވާފައިވާ މާތް ސިފަތަކުގެ ސަބަބުން ލިބިގެންވާ މަތިވެރިކަމެވެ.
އަބޫ ބަކުރު އިބްނުލް ޢަރަބީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ: ބަރަކާތުގެ މާނައަކީ ކުރިއެރުމާއި އިތުރުވުމެވެ. މި ރެއަށް “މުބާރަކް” ނުވަތަ ބަރަކާތްތެރި ރެއޭ ކިޔެނީ، ﷲ ތަޢާލާ އެ ރޭގައި ދެއްވާ ގުނާނުކުރެވޭ ފަދަ ނިޢުމަތްތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި މީސްތަކުންގެ ދަރަޖަ އުފުއްލެވުމާއި، ފާފަ ފުއްސެވުމާއި، ފަޟްލުވަންތަކަން ބެއްސެވުމާއި، ރަޙްމަތް ލެއްވުމާއި އަދި ސަވާބާއި ދަރުމަ ދެއްވުން ހިމެނެއެވެ.
މި ރޭގެ މުހިންމުކަން ބަޔާންކޮށްދޭ ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
- ﷲ ތަޢާލާ ކީރިތި ޤުރުއާން އެކީ އެއްފަހަރާ ދުނިޔޭގެ އުޑަށް ބާވައިލެއްވީ ލައިލަތުލްޤަދުރި ވިލޭރޭގައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ: {ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލްޤަދުރި ވިލޭރޭގައެވެ.} (އަލްޤަދުރި: 1). އިބްނު ޢައްބާސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ: ޤުރުއާން ބާވައިލެއްވުނީ ރަމަޟާން މަހުގެ ލައިލަތުލްޤަދުރި ވިލޭރޭ ދުނިޔޭގެ އުޑަށެވެ. އެއަށްފަހު ﷲ ތަޢާލާ އިރާދަކުރެއްވި ހިނދަކު އާޔަތްތައް ބާވައިލައްވަމުން ގެންދެވިއެވެ. މިގޮތުން ފުރަތަމަ އާޔަތުން ފެށިގެން އެންމެ ފަހު އާޔަތާ ހަމައަށް ބާވައިލެއްވުމަށް ވިހި އަހަރު ނެގިއެވެ. (ނަސާއީ، ޙާކިމް އަދި ބައިހަޤީ ރިވާކުރެއްވިއެވެ. އަދި ޙާފިޡް އިބްނު ޙަޖަރު މި ރިވާޔަތް ޞަޙީޙް ކުރެއްވިއެވެ).
- މި ރެއަކީ އަހަރީ ތަޤުދީރު ކަނޑައެޅޭ ރެއެވެ. ކޮންމެ އަހަރަކުވެސް މި ރޭގައި، ކުރިއަށް އޮތް އަހަރު މީސްތަކުންނަށް ވާނޭ ގޮތްތަކާއި، އެމީހުންގެ ރިޒްޤާއި، ހުރިހާ ކަންކަމެއް ﷲ ތަޢާލާ މިންވަރު ކުރައްވައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ: {ޙިކުމަތްތެރި ހުރިހާ ކަމެއް ބަޔާންކުރައްވައި ކަނޑައަޅުއްވަނީ އެ ރޭގައެވެ.} (އައްދުޚާން: 4). މުޖާހިދު (ރަޙިމަހުﷲ) ވިދާޅުވިއެވެ: ލައިލަތުލްޤަދުރި ވިލޭރޭ، ކުރިއަށް އޮތް އަހަރު ދުނިޔޭގައި ވާނޭ ހުރިހާ ކަމެއް، ރިޒްޤާއި މުޞީބާތްތައް ފަދަ ކަންކަން ކަނޑައެޅިގެންދެއެވެ. ނަމަވެސް ބާއްޖަވެރިންނާއި އަބާއްޖަވެރިންގެ ތަޤުދީރަކަށް ބަދަލެއް ނާންނާނެއެވެ.
- ﷲ ތަޢާލާ މި ރޭ ސިފަކުރައްވާފައިވަނީ ބަރަކާތްތެރި ރެއެއްގެ ގޮތުގައެވެ: {ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ބަރަކާތްތެރި ރެއެއްގައެވެ.} (އައްދުޚާން: 3).
- މި ރޭގައި ގިނަގުނަ މަލާއިކަތްބޭކަލުން ދުނިޔެއަށް ފައިބައިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޖިބްރީލްގެފާނު ހިމެނިވަޑައިގަންނަވައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: {މަލާއިކަތްބޭކަލުންނާއި ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅުތަކާއިގެން އެ ރޭ ފައިބައިވަޑައިގަންނަވާނެތެވެ.} (އަލްޤަދުރި: 4).
- މި ރެއަކީ އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެއްގެ ގޮތުގައި ﷲ ސިފަކުރައްވާފައިވެއެވެ: {ފަތިސްވެއްޖައުމަށް ދާންދެން އެ ރެއަކީ އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.} (އަލްޤަދުރި: 5). މުޖާހިދު ވިދާޅުވި ގޮތުގައި، މި ރޭގެ މާނައަކީ އެ ރޭގައި އެއްވެސް ނުބައިކަމެއް ނުވަތަ ގެއްލުމެއް ދިނުމަށް ޝައިޠާނާއަށް ކުޅަދާނަވެގެން ނުވެއެވެ.
- އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ: “އީމާންކަމާއެކު އަދި ދަރުމައަށް އެދިގެން ރަމަޟާން މަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެއެވެ.” (ބުޚާރީ އަދި މުސްލިމް).
އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
ރިފަރެންސް: އިސްލާމް.ކިއު.އޭ



