ބޭރުދުނިޔެ

މައްކާއާއި މަދީނާގައި އިޢުތިކާފު ފެށުމާއެކު 18,000 އަށްވުރެ ގިނަ މުވައްޒަފުން ޚިދުމަތަށް ނެރެފި

ރަމަޟާން މަހުގެ ފަހު ދިހައަކަށް ތައްޔާރުވުމުގެ ގޮތުންނާއި، މަސްޖިދުއްނަބަވީގައި އިޢުތިކާފު ކުރަން ފެށުމާ ގުޅިގެން، މައްކާއާއި މަދީނާގައި 18,000 އަށްވުރެ ގިނަ މުވައްޒަފުންނާއި ގާތްގަނޑަކަށް 6,000 އުޅަނދާއި އާލާތްތައް ޚިދުމަތަށް ނެރެފިއެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޢުތިކާފު ކުރުމަށް ރަޖިސްޓްރީވެ ހުއްދަ ހޯދާފައިވާ މީހުން މިހާރު ވަނީ މަސްޖިދުއްނަބަވީގައި އިޢުތިކާފު ކުރަން ފަށާފައެވެ.

މަސްޖިދުލް ހަރާމް އަދި މަސްޖިދުއްނަބަވީގެ ކަންކަން ބަލަހައްޓާ ޖެނެރަލް އޮތޯރިޓީން ވަނީ އަޅުވެރިންނަށް ފަސޭހަކަމާއެކު އަޅުކަމުގައި މަޝްގޫލުވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ. މީގެ ތެރޭގައި އިރުޝާދު ދިނުމާއި، އިންތިޒާމުތައް ބެލެހެއްޓުމާއި، ޞިއްޙީ ޚިދުމަތާއި، ތަރުޖަމާކުރުމާއި، މެހެމާންދާރީގެ އިތުރުން ޒަރޫރީ ސާމާނު ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން، މިސްކިތަށް ވަދެ ނުކުމެވޭނެ މަގުތައް ބަލަހައްޓައި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފީލްޑް ޓީމުތައް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މީގެ ބޭނުމަކީ އަޅުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ނަމާދާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކުރެވޭނެ މާޙައުލެއް ގާއިމުކޮށްދިނުމެވެ.

ހަމައެއާއެކު، މަދީނާ މުނިސިޕަލިޓީން ވެސް ވަނީ މަސްޖިދުއްނަބަވީއަށާއި އެ ސިޓީގެ އެހެނިހެން ބޮޑެތި މިސްކިތްތަކަށް ޒިޔާރަތްކުރާ މީހުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ. މި ބާރުބޮޑު ދުވަސްވަރު މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް 5,700 އަށްވުރެ ގިނަ މުވައްޒަފުންނާއި، 1,230 އޮޕަރޭޝަނަލް އުޅަނދާއި އާލާތްތައް ވަނީ ބޭނުންކުރަން ފަށާފައެވެ.

މި އޮޕަރޭޝަނަލް ޕްލޭންގެ ދަށުން މައިގަނޑު ގޮތެއްގައި އިސްކަންދެނީ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަށާއި، އިންފްރާސްޓްރަކްޗަރ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތި ވިއްކާ ތަންތަން ބަލައި ފާސްކޮށް ޞިއްޙީ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރު ކުރުމަށެވެ. މީގެއިތުރުން، މުނިސިޕަލް ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކަށް އަވަސް އިޖާބައެއް ދިނުމަށްޓަކައި އިލެކްޓްރޯނިކް ޕްލެޓްފޯމްތައް ވެސް ވަނީ ހަރަކާތްތެރިކޮށްފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މަގުމަތީގައި ތަކެތި ވިއްކާ މީހުން ތަރުތީބުކުރުމަށްޓަކައި ޚާއްޞަ ފީލްޑް ކެމްޕޭންތަކެއް ވެސް ދަނީ ހިންގަމުންނެވެ. މި މަސައްކަތްތަކުގެ މަގުސަދަކީ އުމްރާވެރިންނަށާއި ޒިޔާރަތްކުރާ މީހުންނަށް ރައްކާތެރި އަދި އިންތިޒާމުވެފައިވާ މާޙައުލެއްގައި އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މައްކާގެ މުނިސިޕަލިޓީން ވެސް ވަނީ ހަރަމްފުޅު ހިމެނޭ ސަރަޙައްދާއި އެ ސަރަޙައްދުގެ ވަށައިގެންވާ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި 24 ގަޑިއިރު މަސައްކަތްކުރާ 13,000 އަށްވުރެ ގިނަ މުވައްޒަފުން ނެރެފައެވެ. އަދި ހަރަމްފުޅަށް ދިއުމުގައި ލުއިފަސޭހަކޮށްދިނުމަށާއި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި 42,000 އަށްވުރެ ގިނަ އުޅަނދު ޕާކުކުރެވޭނެ ފަސް ސަރަޙައްދެއް ވަނީ ތައްޔާރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close