ޚަބަރު

ސައުދީ ދިފާއީ ބާރުތަކުން އިތުރު ޑްރޯންތަކަކާއި މިސައިލް ހަމަލާތަކެއް ނާކާމިޔާބު ކޮށްލައިފި

ސައުދީ އަރަބިއްޔާގެ ދިފާއީ ބާރުތަކުން، އަރަމްކޯގެ ޝައިބާ ތެޔޮ ވަޅަށާއި އެއަރ ބޭސްއަކަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއް ނާކާމިޔާބުކޮށްލައިފި އެވެ.

ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހުގެ ފަތިހު ހާމަކުރި ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ޝައިބާ ތެޔޮ ވަޅަށް އަމާޒުކޮށް ދިން އާ ވައިގެ ހަމަލާތަކެއް ހުއްޓުވާފައެވެ.

ދިފާއީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ‘އެކްސް’ މެދުވެރިކޮށް ވިދާޅުވީ، ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ޝައިބާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޖުމްލަ 16 ޑްރޯން “އެމްޕްޓީ ކުއާޓާ” (ރުބުއުލް ޚާލީ) ސަރަހައްދުން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ. މީގެ އިތުރުން، އަލް-ޚަރްޖްގައި ހުންނަ ޕްރިންސް ސުލްތާން އެއަރ ބޭސްއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލަކާއި ކުރޫޒް މިސައިލެއް ވެސް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ވެރިރަށް ރިޔާޟްގެ އިރުމަތީ ފަރާތުން ވެސް ވަނީ އިތުރު ޑްރޯނެއް ހުއްޓުވާފައެވެ. މިއީ ރިޔާޟްގެ ދެކުނު އިރުމަތިން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި އޮންނަ، ސިނާއީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ އަލް-ޚަރްޖަށް ޖެހިޖެހިގެން ހަމަލާދޭން އުޅުނު ތިންވަނަ ދުވަހެވެ.

ޝައިބާ ތެޔޮ ވަޅަށް މިފަދަ ހަމަލާއެއް ދޭން އުޅުނު މިއީ ފެބްރުއަރީ 28 ގެ ފަހުން ފުރަތަމަ ފަހަރެވެ. އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ ގަލްފު ސަރަހައްދުގެ އެކި އަމާޒުތަކަށް، ހާއްސަކޮށް ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި ސިނާއީ މަރުކަޒުތަކަށް ގިނަ ހަމަލާތަކެއް ދެމުންނެވެ.

ދިފާއީ ވުޒާރާގެ ރަސްމީ ބަޔާނުގައި ބުނެފައިވަނީ، ޝައިބާ، ޕްރިންސް ސުލްތާން އެއަރ ބޭސް އަދި ރިޔާޟަށް އަމާޒުވާ ހަމަލާތައް ސައުދީ ދިފާއީ ބާރުތަކުން މެދުނުކެނޑި ހުއްޓުވަމުންދާ ކަމަށެވެ. ރުބުއުލް ޚާލީގެ ފުން ސަރަހައްދެއްގައި އޮންނަ ޝައިބާއަކީ ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ތެޔޮ ވަޅެވެ. މިއީ ހަމައެކަނި ތެޔޮ ނަގާ ތަނެއްގެ އިތުރުން، އެ ގައުމުގެ ގޭސް އުފެއްދުމުގެ ސްޓްރެޓެޖީގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

ސައުދީއަށް ދެމުންދާ މި ހަމަލާތަކަކީ މުޅި ގަލްފު ސަރަހައްދުގައި މިހާރު އިތުރުވަމުންދާ ވައިގެ ހަމަލާތަކުގެ ބައެކެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ޔޫއޭއީން ވަނީ 125 އަށްވުރެ ގިނަ ޑްރޯނާއި 6 ބެލިސްޓިކް މިސައިލް ހުއްޓުވާފައެވެ.

ހުކުރު ދުވަހު ސައުދީން ވަނީ ޕްރިންސް ސުލްތާން އެއަރ ބޭސްއަށް އަމާޒުކޮށް ފޮނުވާލި 5 މިސައިލަކާއި، ރިޔާޟާއި އަލް-ޚަރްޖް ސަރަހައްދުން ގިނަ އަދަދެއްގެ ޑްރޯން ވައްޓާލާފައެވެ. އަދި ބުރާސްފަތި ދުވަހުވެސް ތިން ކުރޫޒް މިސައިލާއި ރައުސް ތަނޫރާ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ދޭން އުޅުނު ހަމަލާތަކެއް ވަނީ ނާކާމިޔާބުކޮށްލާފައެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)، އަރަބި ލީގު އަދި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވީ ނަމަވެސް، ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. މާރިޗު 1 ވަނަ ދުވަހު ބޭއްވި ޖީސީސީގެ ކުއްލި ބައްދަލުވުމުގައި، އީރާނުގެ މި އުދުވާނުން ދިފާއުވުމުގެ ފުރިހަމަ ހައްގު މެންބަރު ގައުމުތަކަށް އޮތްކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ރިޔާސަތުގައި މާރިޗު 3 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ، މި ހަމަލާތަކަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލާއި، ރައްޔިތުންނާއި، އެ ގައުމުގައި ދިރިއުޅޭ މީހުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ކެބިނެޓުން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close