ބޭރުދުނިޔެ

ސައުދީގެ ބައެއް ސަރަޙައްދުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކާއި މިސައިލްތައް އެ ޤައުމުން ހުއްޓުވައިފި

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ހަތަރު މިސައިލަކާއި ފަސް ޑްރޯން އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި ނައްތާލާފައިވާ ކަމަށް ސައުދީ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން އެކްސްގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ދަންވަރުގެ ވަގުތެއްގައި އަލްޚަރްޖު ގަވަރުނަރޭޓްގައި ހުންނަ ޕްރިންސް ސުލްޠާން އެއާ ބޭސްއަށް އަމާޒުކޮށް ތިން ބެލިސްޓިކް މިސައިލް ފޮނުވާލާފައިވެއެވެ. މީގެ އިތުރުން އިރުމަތީ ޕްރޮވިންސުން އެއް ޑްރޯން އަދި އަލްޚަރްޖުން އިތުރު ޑްރޯންއެއް ވައްޓާލާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަލްޚަރްޖަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލަކާއި، ރިޔާޟްގެ އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ތިން ޑްރޯންއެއްވެސް ވަނީ ހުއްޓުވާފައެވެ.

ހުކުރު ދުވަހުގެ މި ހަމަލާތައް ދީފައި މިވަނީ، އިރުމަތީ ޕްރޮވިންސްގެ ރައުސް ތަނޫރާ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އަލްޚަރްޖަށް އަމާޒުކުރި ތިން ކްރޫޒް މިސައިލެއް ނައްތާލާފައި ވަނިކޮށެވެ. އަލްޚަރްޖަކީ ވެރިރަށް ރިޔާޟްގެ ދެކުނު އިރުމަތިން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި އޮންނަ ސިނާއީ ގޮތުން މުހިންމު ސަރަހައްދެކެވެ.

މާރިޗު 3 ވަނަ ދުވަހުވެސް ރިޔާޟާއި އަލްޚަރްޖު ކައިރިން އަށް ޑްރޯންއެއް ސައުދީން ވަނީ ވައްޓާލާފައެވެ. ހަމަ އެދުވަހު ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން ހަމަލާއެއް އަރައި، ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގައި އިމާރާތަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް، ސައުދީގައި ހުންނަވާ އީރާނުގެ ސަފީރު އަލީރިޒާ އިނާޔަތީ ބުރާސްފަތި ދުވަހު ދެއްވި ބަޔާނެއްގައި، މި ހަމަލާތަކުގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ވިދާޅުވެ އެކަން ވަނީ ދޮގުކުރައްވާފައެވެ.

މި ހަމަލާތައް ވަރުގަދަވެފައި މިވަނީ، ފާއިތުވި ހޮނިހިރު ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން، އީރާނުން ސަރަހައްދީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދޭން ފެށުމާ ގުޅިގެންނެވެ.

2026 ފެބްރުއަރީ 28 ގައި ވަރުގަދަވި މި ހަނގުރާމަ މިހާރު ވަނީ ސައުދީގެ ބޯޑަރުން ބޭރަށް، މުޅި ސަރަހައްދަށް ފެތުރިފައެވެ. ޖީ.ސީ.ސީ ގެ ހުރިހާ ގައުމުތަކަކަށްވެސް ހަމަލާތައް އަމާޒުވަމުންދާއިރު، އީރާނުން ގަލްފް ސަރަހައްދަށް ދިން ހަމަލާތަކުގައި މަދުވެގެން ނުވަ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަނޑުދަތުރުފަތުރުގެ ދާއިރާއަށްވެސް މީގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އުމާން ކައިރިން ދަތުރުކުރި ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް ދިނުމާ ގުޅިގެން ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި 150 އަށްވުރެ ގިނަ ތެޔޮ ޓޭންކަރު މަޑުކޮށްގެން އެބައޮތެވެ. އަދި މި ސަރަހައްދުން ތެޔޮ އުފުލާ މިންވަރު ވަނީ 86 އިންސައްތަ ދަށަށް ގޮސްފައެވެ.

މީގެ އިތުރުން، އީރާނުން އަޒަރުބައިޖާނަށާއި ނޭޓޯއިން ހިމާޔަތްދޭ ތުރުކީގެ ވައިގެ ސަރަހައްދަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ސައުދީ އަރަބިއްޔާއިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ސައުދީން ބުނެފައިވަނީ މިއީ ބިރުގަންނަވާލުމަށް ދީފައިވާ ފިނޑި ހަމަލާތަކެއް ކަމަށެވެ.

މާރިޗު 1 ވަނަ ދުވަހު ރިޔާޟްގައި ބޭއްވި ޖީ.ސީ.ސީ ގެ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި، އީރާނުގެ މި ނުރައްކާތެރި ހަމަލާތަކުން ގައުމުގެ އިސްތިގުލާލު ދިފާއުކުރުމުގެ ހައްގު މެންބަރު ގައުމުތަކަށް އޮތްކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ރިޔާސަތުގައި މާރިޗު 3 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު، ސައުދީ އަރަބިއްޔާއިން ވަނީ މި ހަމަލާތަކަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު އެގައުމަށް ލިބިގެންވާކަން އިއުލާނުކޮށްފައެވެ. އަދި ގައުމުގެ ސަރަހައްދާއި، ރައްޔިތުންނާއި، ގައުމުގައި ދިރިއުޅޭ މީހުން މިފަދަ ހަމަލާތަކުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ކެބިނެޓުން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close