އީރާނުގެ ހަމަލާތަކުގައި މިހާތަނަށް އެމެރިކާއަށް ދެ ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަންގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި، ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އެމެރިކާއަށް ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަނަޑޯލޫ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އެޖެންސީން އެއްކުރި މައުލޫމާތަށް ބަލާއިރު، މި ގެއްލުންތަކުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ގަތަރުގެ އަލް އުދައިދު އެއާ ބޭސްގައި ހުރި އެމެރިކާގެ އޭއެން/އެފްޕީއެސް-132 ރާޑަރު ސިސްޓަމަށެވެ. 1.1 ބިލިއަން ޑޮލަރުގެ އަގުހުރި މި ރާޑަރަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ގަތަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހު ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން އޮޅިގެން ދިން ހަމަލާއެއްގައި އެމެރިކާގެ ތްރީ އެފް-15 އީ މަރުކާގެ ބޯޓު ވަނީ ވެއްޓިފައެވެ. މި ބޯޓުތައް ދުއްވަން ތިބި މީހުން ސަލާމަތްވި ނަމަވެސް، 282 މިލިއަން ޑޮލަރުގެ މި ބޯޓުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އީރާނުން ދިން ހަމަލާތަކުގައި ބަހްރޭންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒުގެ ދެ ސެޓެލައިޓް ކޮމިއުނިކޭޝަން ޓާމިނަލަކާއި ބައެއް އިމާރާތްތައް ވަނީ ގޮއްވާލާފައެވެ. އަދި ޔޫއޭއީގައި ހުރި ތާޑް (THAAD) މިސައިލް ދިފާއީ ނިޒާމުގެ ރާޑަރަށް ދިން ހަމަލާގައި 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕާއި ނަތަންޔާހޫ އިސްވެ، އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާއެކު، އީރާނުން ވަނީ މެދުއިރުމަތީގެ ހަތް ސަރަހައްދެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. ކުވެއިތުގެ ކޭމްޕް އަރިފްޖާންއަށް ދިން ހަމަލާގައި އެމެރިކާގެ 6 ސިފައިން ވަނީ މަރުވެފައެވެ. އަދި އިރާގުގެ އަރްބީލް ބޭސްއަށް ދިން ހަމަލާތަކުގައި އެތަނުގެ ހަތަރު އިމާރާތެއް ހަލާކުވެ، އަލިފާން ރޯވެފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ދައްކައެވެ.
މި ހަމަލާތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ކުވެއިތު އަދި ޔޫއޭއީގައި ހުންނަ އެމެރިކާގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކަށް ވެސް ޑްރޯން ހަމަލާތައް ވަނީ އަމާޒުވެފައެވެ. ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީގެ ތެރޭގައި ހުންނަ ސީއައިއޭގެ ސްޓޭޝަނަށް ހަމަލާ އަރާފައިވާ އިރު، ކުވެއިތުގައި ހުންނަ އެމްބަސީ ވަނީ “ވަކި ގޮތެއް އަންގަންދެން” ބަންދުކޮށް، އެތަނުގެ މުވައްޒަފުން އެހެން ތަނަކަށް ބަދަލުކޮށްފައެވެ.
ޖުމުލަކޮށް ބަލާއިރު، ނަތަންޔާހޫ އާއި ޓްރަމްޕްގެ ނިންމުންތަކާ ގުޅިގެން މުޅި ސަރަހައްދުގައި ވަނީ ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފައެވެ.





